ތ. ވިލުފުށީގެ ޒުވާނުންނަށް ހާއްސަކޮށްގެން އަޅަން ނިންމާފައިވާ "ސްޕޯޓްސް ފިޝިން" ކަނދުފަތީގެ މަސައްކަތް އަވަސްކޮށްދިނުމަށް އެ ރަށު ކައުންސިލުން ފިޝަރީޒް މިނިސްޓްރީގައި އެދިއްޖެއެވެ.

މިކަމަށް އެދިފައިވަނީ ވިލުފުށީގެ މަސްވެރިންނަށް ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެ ރަށު ކައުންސިލުން މިނިސްޓްރީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް އަދި ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފެވެ. ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އާއި އިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީގެން ފާހަގަކުރީ ރަށުގެ ޒުވާނުންގެ އެދުމާ ގުޅިފައިވާ ސްޕޯޓްސް ފިޝިން ކަނދުފަތީގެ މައްސަލައެވެ. އެގޮތުން ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ އެ ކަނދުފަތީގެ މަސައްކަތް ވީހާވެސް އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ މިނިސްޓްރީގެ ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ވިލުފުށީގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތައް ކައުންސިލުން ވަނީ މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ. އަދި އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށްޓަކައި ވިލުފުށީގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. އަދި މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.