ފަތުރުވެރިކަމުގެ ދާއިރާ ނުވަތަ ޓޫރިޒަމް ދާއިރާއިން ލިބުނު ނަފާ ރެކޯޑު މިންވަރަކަށް އިތުރުވެ، ނިމިދިޔަ 2025 ވަނަ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 39.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާ ގޮތުގައި މިއީ 2024 ވަނަ އަހަރު ލިބުނު އާމްދަނީއާ އަޅައިބަލާއިރު 12.9 ޕަސަންޓުގެ ބޮޑު ކުރިއެރުމެކެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރުގަދަވެ، އެ ދާއިރާއިން ނަގާ ޓެކްސްތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން 2025 ވަނަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީސްޓީ) ގެ ގޮތުގައި އެކަނި ވެސް 11.0 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 15.2 ޕަސަންޓުގެ އިތުރުވުމެކެވެ.
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ 10.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ބަޖެޓުގައި އަންދާޒާކުރި ވަރަށް ހިލޭ އެހީ ލިބިފައި ނުވި ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ވަނީ އަންދާޒާކުރި މިންވަރަށް ވުރެ 2.0 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
މި ރިޕޯޓު އާންމުކުރުން ލަސްވެފައިވަނީ ދައުލަތުގެ ޕަބްލިކް އެކައުންޓިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށް ވަގުތު ނެގުމުން ކަމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް ދައުލަތުގެ މާލީ ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
