ނިމިދިޔަ 2025 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ހަރަދުތައް ކުޑަކުރެވުމާ ގުޅިގެން ބަޖެޓު ޑެފިސިޓް ވަރަށް ބޮޑަށް ދަށްކުރެވިފައިވާ ކަމަށް ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރާ އަޅައިބަލާއިރު 2025 ވަނަ އަހަރުގެ ޑެފިސިޓް ވަނީ 9.6 ބިލިއަން ރުފިޔާއިން ދަށްވެފައެވެ. މިއީ 73.5 ޕަސަންޓުގެ ދަށްވުމެކެވެ.
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ނެރުނު "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 12.9 ޕަސަންޓުގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާއިން ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން ޓީޖީއެᱥްޓީގެ ގޮތުގައި އެކަނި ވެސް 11.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ ޓެކްސް އާމްދަނީ ވަނީ 29.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ ހަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 10.6 ޕަސަންޓުގެ ދަށްވުމެކެވެ. މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ ސިޔާސަތާއެކު ރިކަރަންޓް ހަރަދު 36.3 ބިލިއަން ރުފިޔާއަށް އިތުރުވި ނަމަވެސް، ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 6.8 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 48.8 ޕަސަންޓުގެ ދަށްވުމެކެވެ. ނަމަވެސް ބުރިޖާއި އެއާޕޯޓް ފަދަ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިންމު އެއް ކާމިޔާބީއަކީ ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ދައުލަތުގެ ޕްރައިމަރީ ބެލެންސް ސަޕްލަސްއެއްގައި ހިފެހެއްޓުނު ކަމެވެ. ދަރަނީގެ އިންޓްރެސްޓް ނުހިމަނައި ބަލާ މި މިންގަނޑުން ބަލާއިރު، 2025 ވަނަ އަހަރު ނިމުނުއިރު 1.2 ބިލިއަން ރުފިޔާގެ ސަޕްލަސްއެއް ވަނީ ހޯދިފައެވެ. މީގެ އިތުރުން މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން އެ ފަންޑަށް 2.7 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ 91.2 ޕަސަންޓުގެ އިތުރުވުމެކެވެ.
ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި އަހަރުގެ ފަހު ދެ ހަފުތާގެ މާލީ ރިޕޯޓުތައް އާންމުކުރުން ލަސްވީ ޕަބްލިކް އެކައުންޓިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެއެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް، ދައުލަތުގެ މާލީ ހިސާބުތައް ހާމަކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އަމަލުކުރަމުންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
