ދިވެހިރާއްޖެއިން ސީޝެލްސްއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު މަސްއޫދު އިމާދު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސީޝެލްސްގެ ރައީސް ޑރ. ޕެޓްރިކް ހާމިނީއަށް މިއަދު އަރުވައިފިއެވެ. ސީޝެލްސްގެ ވެރިރަށް ވިކްޓޯރިއާގައި ހުންނަ ރިޔާސީ ގަނޑުވަރު "ސްޓޭޓް ހައުސް" ގައި ބޭއްވި މި ރަސްމިއްޔާތަށްފަހު، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު މަސްއޫދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ސީޝެލްސްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ސަފީރު މަސްއޫދު "ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދެއްކެވި،" އެވެ. ސީޝެލްސްގެ ރައީސް ވެސް ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސަފީރު ވަނީ ސީޝެލްސްގެ ނައިބު ރައީސް ސަބަސްޓިއަން ޕިލޭގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވަމުން ގެންދަވާ މަސްއޫދު، ސީޝެލްސްގެ ސަފީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ކޮލަމްބޯގައި ހުންނަވައިގެންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯރޭ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
