ބޮލީވުޑްގެ ކާމިޔާބު ފިލްމު "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި އޭނާގެ އަންހެނުން ޕްރިޔާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަމުގެ އުފާވެރި ހަބަރު އެ ދެމަފިރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ މިއަދު އެ ދެމަފިރިންގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ހާއްސަ ޕޯސްޓެއްގައެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި އާއިލީ ފޮޓޯގައި އެޓްލީ އާއި ޕްރިޔާގެ އިތުރުން އެ ދެމަފިރިންގެ ދޮށީ ދަރިފުޅު މީރް އާއި އޮޅުކޮށްގެން ގެންގުޅޭ ކުއްތާ ވެސް ފެނެއެވެ. މި ފޮޓޯއާއެކު ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ އެ އާއިލާއަށް އިތުރު މެމްބަރަކު ގުޅި، އާއިލާ އިތުރަށް ފުރިހަމަވާން އުޅޭ ކަމަށެވެ. އެޓްލީ އާއި ޕްރިޔާއަށް ފުރަތަމަ ދަރިފުޅު، މީރް ލިބުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި އުފާވެރި ހަބަރާއެކު ފިލްމީ ދާއިރާގެ ގިނަ ފަންނާނުންނާއި އެޓްލީގެ ސަޕޯޓަރުން އަންނަނީ އެ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ތަރިން ކަމަށްވާ ސަމަންތާ އާއި ކީރްތީ ސުރޭޝް ފަދަ ތަރިން ހިމެނެއެވެ. ޝާހްރުކް ހާންގެ "ޖަވާން" އަށްފަހު އެޓްލީއަށް ވަނީ ބޮޑު މަޝްހޫރުކަމެއް ލިބިފައެވެ.
