ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ބޯޑާ 2" ގެ ލަވައެއް ކަމަށްވާ "ގަރް ކަބް އާއޯގޭ" ރިލީޒްކުރުމާ އެކު، އެ ލަވައިގައި އެކްޓަރު ވަރުން ދަވަންގެ މޫނުމަތީގެ ޝުއޫރުތައް ހުރި ގޮތުން އާންމުންގެ ފާޑުކިޔުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ވަރުންއަށް ކުރަމުންދާ މަލާމާތްތަކާ ގުޅިގެން، 1997 ވަނަ އަހަރު ނުކުތް "ބޯޑާ" ގެ ފުރަތަމަ ފިލްމުގައި މުހިންމު ރޯލެއް އަދާކުރި ސުނިލް ޝެޓީ ވަނީ ވަރުން ދިފާއުކޮށް ވާހަކަދައްކާފައެވެ.
"ބޮމްބޭ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގައި ސުނިލް ބުނީ، އަދި އެއްވެސް މީހަކަށް މުޅި ފިލްމު ނުފެންނަ ކަމަށާއި، ފެނިގެން މިއުޅެނީ ހަމައެކަނި ފިލްމުގެ ކުޑަ މަންޒަރުކޮޅެއް ކަމަށެވެ. ފިލްމުގައި ވަރުންގެ އެކްޓިން ވަރަށް ފުރިހަމަވާނެ ކަމަށާއި، އޭނާ އަދާކުރަނީ ގައުމަށްޓަކައި ޝަހީދުވި ސިފައިންގެ މީހެއްގެ ރޯލު ކަމަށް ސުނިލް ބުންޏެވެ. އަދި މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި މީހުންނަށް މަލާމާތްކޮށް ދެރަކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެއް ކަމަށާއި، ވިސްނާލުމެއް ނެތި އެފަދަ ވާހަކަތައް ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން ފިލްމީ ތަރިންނާ މެދު އާންމުން ދެކޭ ގޮތާ ބެހޭގޮތުން ވެސް ސުނިލް ވާހަކަދެއްކިއެވެ. އޭނާ ބުނި ގޮތުގައި ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފިލްމީ ތަރިންނަކީ ނުކިޔަވާ ތިބޭ، އެއްވެސް އެއްޗެއް ނޭނގޭ ބައެއް ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށާއި، އެކްޓަރުންނަކީ ވެސް ކަންކަން ދަންނަ ތަންދޮރު އެނގޭ ބައެއް ކަމަށް އޭނާ ބުންޏެވެ.
މި ފިލްމުގެ ވާހަކަތައް ދެކެވެމުންދާއިރު، މަޝްހޫރު ޅެންވެރިޔާ ޖާވިދު އަހްތަރު ވަނީ މި ފިލްމުގެ ލަވަތަކަށް އިތުރު ބައިތައް ލިޔެދިނުމަށް ދެކޮޅު ހަދާފައެވެ. އޭނާ ބުނި ގޮތުގައި ކުރީގެ ކާމިޔާބު ލަވަތައް އަލުން ހެދުމަކީ އަމިއްލަ އުފެއްދުންތެރިކަން ނެތްކަން ހާމަވާ ކަމެކެވެ. އޭގެ ބަދަލުގައި އާ ލަވަތައް އުފެއްދުން މާ ރަނގަޅުވާނެ ކަމަށް ޖާވިދު ބުންޏެވެ.
