ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސިއުލާއަށް ފާއިތުވި 60 އަހަރު ތެރޭގައި ނުވެހޭ ވަރަށް ސްނޯ ފައިބައި، އެ ސަރަހައްދުގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެއެވެ. އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ވެހުމުގެ ސަބަބުން އެ ސަރަހައްދުގެ ވެރިރަށް، ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އުސް އިމާރާތްތަކާއި މަގުމަތީގައި ހުރި ވެހިކަލްތައް ވަނީ ސްނޯގެ އަޑީގައި ވަޅުލެވިފައެވެ.
![]()
މި ހާދިސާއާ ގުޅިގެން އެ ސިޓީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މޫސުމާ ބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި ޖެނުއަރީ މަހުގެ ފުރަތަމަ ކޮޅު އެކަނިވެސް ދެ މީޓަރަށް ވުރެ މައްޗަށް ސްނޯ ފައިބާފައިވާއިރު، ޑިސެމްބަރު މަހު 3.7 މީޓަރުގެ ސްނޯ ވަނީ ފައިބާފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބައެއް އިމާރާތްތަކުގެ ދޮރުތައް ބަންދުވެ، ކާރުތައް ވަނީ މުޅިންހެން ސްނޯގެ ދަށުވެފައެވެ.
![]()
އިމާރާތްތަކުގެ ފުރާޅުމަތިން ގަނޑުވެފައިވާ ސްނޯތައް ވެއްޓުމުގެ ސަބަބުން ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން މޭޔަރު ޔެވްގެނީ ބެލްޔަޔެވް ވަނީ އިމާރާތްތައް ބަލަހައްޓާ ކުންފުނިތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ތޫފާން ނިމެންދެން މަޑުނުކޮށް، ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެ ފަރާތްތަކުން އަވަސް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.
