ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ދުނިޔޭގެ އެންމެ ބޮޑު "ޕާޕްލް ސްޓާ ސަފަޔާ" ނުވަތަ ޖަވާހިރު ދައްކާލައިފިއެވެ. ބަރުދަނުގައި 3,563 ކެރެޓު ހުރި މި ޖަވާހިރުގެ އަގު މަދުވެގެން 300 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. "ސްޓާ އޮފް ޕިއޯ ލޭންޑް" ގެ ނަން ދީފައިވާ މި ޖަވާހިރު ދައްކާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މި ޖަވާހިރު ފެނިފައިވަނީ 2023 ވަނަ އަހަރު ލަންކާގެ ރަތުނަޕޫރާ ސަރަހައްދުގެ ވަޅުގަނޑަކުންނެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން ވެސް އެއީ ޖަވާހިރެއްކަން އޮތީ ދަނެނުވިފައެވެ.
މީގެ ވެރިފަރާތުން ބުނި ގޮތުގައި މިއީ އެހެން ގައުތަކަކާ އެކު ގަތް އެއްޗެކެވެ. "ނަމަވެސް މިއީ ތަފާތު އެއްޗެއްކަން އެނގުނީ އޭގެ ދެ އަހަރު ފަހުން،" ނެވެ. ޖެމޮލޮޖިސްޓެއް ކަމަށްވާ އަޝާން އަމަރަސިންހަ ބުނި ގޮތުގައި "މިއީ ގުދުރަތީ ގޮތުން އުފެދިފައިވާ މި ބާވަތުގެ އެންމެ ބޮޑު ޖަވާހިރު،" އެވެ. އަދި މީގެ ސައްހަކަން ލެބޯޓަރީއަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ޖަވާހިރުގެ ވެރިފަރާތަކީ "ސްޓާ އޮފް ޕިއޯ ލޭންޑް ޓީމް" އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެ މީހުންގެ ވަނަވަރު ވަނީ ސިއްރުކޮށްފައެވެ. ޖަވާހިރުގެ ވެރި ފަރާތުން މިހާރު ތައްޔާރުވެފައި ވަނީ މި އަގުބޮޑު ޖަވާހިރު ވިއްކާލުމަށެވެ. އިންޓަނޭޝަނަލް މާހިރުން ލަފާކުރާ ގޮތުގައި މީގެ އަގު 300 މިލިއަނާއި 400 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެއެވެ. ލަންކާއަކީ މިފަދަ އަގުހުރި ޖަވާހިރުތަކަށް މަޝްހޫރު ގައުމެކެވެ.
