ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލިތާ އެންމެ ދެ ދުވަސް ތެރޭގައި 677 ފަރާތަކުން ފޯމު ހުށަހަޅައިފިއެވެ.

މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ މި ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، ޕޯޓަލް ހުޅުވާލިތާ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލާފައިވާ ކަމަށެވެ. މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 221 ފޯމަކީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކެވެ. އަދި ފްލެޓަށް އެދި 416 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.

މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅޭނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. މި ޕޯޓަލްއަށް ވަދެވޭނީ އީފާސް ބޭނުންކޮށްގެންނެވެ. ސަރުކާރުން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15،000 ގޯތި ދޫކުރުމަށެވެ. އަދި މާލެ ސަރަހައްދުން 7،900 ފްލެޓް ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ގޯއްޗާއި ފްލެޓަށް އެދުމަށް ވަކި ސުންގަޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބިމަށް ނުވަތަ ގޯއްޗަށް އެޕްލައިކުރުމުގެ އެންމެ ފަހު ތާރީހަކީ 4 މާޗު 2026 ގެ ނިޔަލަށެވެ. އަދި ފްލެޓަށް އެޕްލައިކުރުމުގެ ފުރުސަތު 17 އޭޕްރިލް 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ބޯހިޔާވަހިކަން ހަވާލުކުރުން ކަމަށެވެ. މިއީ ވޭތުވެދިޔަ 8 އަހަރު ތެރޭގައި ސަރުކާރަކުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެ ސަރުކާރެއް ނިމުމުގެ ކުރިން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ފުރަތަމަ ފަހަރު ކަމުގައި ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.