އިންޑިއާގެ މަޝްހޫރު ފިލްމީ ބަތަލާ ރަޝްމިކާ މަންދަނާ، ސަލްމާން ޚާންއާ އެކު އޭނާ ކުޅުނު ފިލްމު 'ސިކަންދަރު' ގެ ވާހަކައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ އެކަމުގެ ތަފްސީލު ހާމަކޮށްފިއެވެ.

ތެލެގޫ ނޫސްވެރިއަކާ ވާހަކަދައްކަމުން ރަޝްމިކާ ބުނީ، ފިލްމު ކުޅުމަށް އޭނާ އެންމެ ފުރަތަމަ އެއްބަސްވީ ޑައިރެކްޓަރު އޭ.އާރް މުރުގަދޯސް ކިޔައިދިން ވާހަކައަށް ބަލައިގެން ކަމަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ފެށުމަށްފަހު، ފުރަތަމަ އެއްބަސްވި ވާހަކައާ މުޅިން ތަފާތު ބޮޑެތި ބަދަލުތަކެއް ސްކްރިޕްޓަށް ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ގެނައި ބަދަލުތަކާ ގުޅޭގޮތުން ރަޝްމިކާ އިތުރަށް ބުނީ، ބޮޑެތި ކޮމާޝަލް ފިލްމުތަކުގެ މަސައްކަތް ކުރިއަށްދާއިރު މިފަދަ ބަދަލުތައް އައުމަކީ އާންމު ކަމެއް ކަމަށެވެ. އަދި އެކްޓިންއާއި، އެޑިޓިންގެ އިތުރުން ފިލްމު ރިލީޒްކުރާ ވަގުތަށް ބަލައިވެސް ފިލްމުގެ އަސްލު ވާހަކައަށް ބަދަލުތައް އަންނަ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ފިލްމުގައި ރަޝްމިކާ އަދާކޮށްފައިވަނީ ސަލްމާން ޚާންގެ އަންހެނުންގެ ރޯލެވެ. ނަމަވެސް ފިލްމުގެ ކުރީކޮޅު އޭނާގެ ކެރެކްޓާ މަރުވެގެންދާއިރު، މުޅި ފިލްމުގެ ބާކީބައި ބިނާވެފައިވަނީ އޭނާގެ މަރަށް ސަލްމާން ޚާން ބަދަލުހިފުމުގެ މައްޗަށެވެ. މި ފިލްމުގައި ވިލަންއެއްގެ ރޯލުން ފެނިގެންދަނީ މަޝްހޫރު އެކްޓަރު ސަތްޔަ ރާޖްއެވެ.

ސަލްމާން ޚާންގެ ފިލްމުތައް އާންމުކޮށް އީދު ބަންދާ ދިމާކޮށް ރިލީޒްކުރި ނަމަވެސް، 'ސިކަންދަރު' އަށް ބޮކްސް އޮފީހުގައި ލިބުނީ އުންމީދު ކުރިވަރުގެ ތަރުހީބެއް ނޫނެވެ. ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އިންޑިއާއިން ލިބުނީ 110 ކްރޯޑް ރުޕީސްއެވެ. އަދި ދުނިޔޭގެ މާކެޓުން ޖުމްލަ ލިބިފައިވަނީ 184 ކްރޯޑް ރުޕީސްއެވެ.

ފިލްމު ކްރިޓިކުންނާއި ބެލުންތެރިން ގަބޫލުކުރާ ގޮތުގައި ފިލްމަށް ލިބުނު ތަރުހީބު ކުޑަވީ ސްކްރިޕްޓަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. ނަމަވެސް ރަޝްމިކާ ބުނީ ފިލްމަށް ލިބުނު އާމްދަނީ ކުޑަވި ނަމަވެސް، ސަލްމާން ޚާން ފަދަ ބޮޑު ތަރިއަކާއެކު މަސައްކަތް ކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.