ކޮވިޑް19 އާއި ގުޅިގެން ބްރެޒިލްގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް ބޭއްވި ސައިކަލު ބުރެއްގައި ބައިވެރިވުމުން ބްރެޒިލްގެ ރައީސް ޖައިރު ބްލޮސަނާރޯ 100 އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ހޮނިހިރު ދުވަހު ސައޮޕާލޯގައި ބޭއްވި މިސައިކަލު ބުރަކީ ބްލޮސަނާރޯ އަށް ތާއިދުއޮތްކަން ހާމަކުރުމުގެ ގޮތުން އޭނާގެ ސަޕޯޓަރުން ބޭއްވި ސައިކަލު ބުރެކެވެ. މިއީ އަންނަ އަހަރު ބްރެޒިލްގައި އޮންނަ ރިޔާސީ އިންތިހާބަށް ބްލޮސަނާރޯ ކުރަމުން އަންނަ ކެމްޕޭންގެ ތެރެއިން ބޭއްވި ސައިކަލު ބުރެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާސްކް ނާޅައި ތިބި މީހުން ގައިދުރުކަމެއް ވެސް ނެތި ބޭއްވި މި ސައިކަލު ބުރުގައި ބައިވެރިވި މީހުންނާއި މުހާތަބުކޮށް ބްލޮސަނާރޯ ވަނީ ވާހަކަދައްކާފައެވެ. އޭނާ ބުނީ ވެކްސިން އެއްކޮށް ފުރިހަމަކޮށްފައިވާ މީހުން މާސްކް އެޅުން މަޖުބޫރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ބްލޮސަނާރޯ އަކީ މީގެ ކުރިން ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް ވާހަކަދައްކަވާފައިވާ ބޭފުޅެކެވެ.

ހޮނިހިރު ދުވަހުގެ ސައިކަލް ބުރުގައި ބައިވެރިވުމުން ބްލޮސަނާރޯގެ ދަރިފުޅު އެޑުއާރޯ އާއި އިންފްރާސްޓަކްޗާ މިނިސްޓަރ ގޯމޭސް ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. އެއިން ކޮންމެ މީހަކު ޖޫރިމަނާ ކުރީ 108 އެމެރިކާ ޑޮލަރުންނެވެ.

ބްރެޒިލަކީ އަދިވެސް ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއްގައުމެވެ. ބްރެޒިލް އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހަރު 17.3 މިލިއަނަށް އަރައެވެ. މީގެތެރެއިން 486000 މީހުން ވަނީ މަރުވެފައެވެ.