ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "އެކްރޮސް މޯލްޑިވްސް 2026"ގެ ނަމުގައި ކަނޑު އަޑީގައި ރެކޯޑެއް ގާއިމުކުރުމަށް ކުރިއަށްގެންދާ ތާރީޚީ ހަރަކާތެއް އިއުލާންކޮށްފި އެވެ.

ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެން 23 ޖެނުއަރީ 2026ގައި ފަށާ މި ހަރަކާތުގައި ތިން އަތޮޅަކަށް ކަނޑުއަޑިން ދަތުރުކުރުމަށް ވަނީ އަމާޒުހިފާފަ އެވެ. 

ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެއެވެ. މި މުއްދަތުގެ ތެރޭގައި 55 ފަހަރު ފީނައި، 'ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް' (ޑީޕީވީ) ބޭނުންކޮށްގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރާނެއެވެ. މި ހަރަކާތުގައި ގާއިމްކުރުމަށް މަސައްކަތްކުރާނެ ރެކޯޑްތަކަކީ:

● ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުން.

● އެއް މަސްދުވަހުގެ ތެރޭގައި ޑީ.ޕީ.ވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުން.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، އެޑްވެންޗަރ ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ "ކަނޑުގެ ގައުމެއް" ގޮތުގައި ދުނިޔެއަށް ދައްކުވައިދީ، ކަނޑުއަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްކަން އިޝްތިހާރުކުރުމެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ތަފާތު ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތަކުގެ އިތުރުން، ދިވެހިންނާއި ކަނޑާއި އޮތް މުހިންމުކަމާއި ސަގާފީ ގުޅުން ދައްކުވައިދޭނެ އެވެ.

މި ދަތުރުގެ ތެރެއިން ޕާޓްނަރުންނާއި ރަށު ކައުންސިލްތަކުގެ ހެޔޮ އެދުންތަކާ އެކު، ބައެއް ރަށްރަށުގައި ޑައިވަރ ޝަފްރާޒް މަޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށްރަށަށް ކުރާ ޒިޔާރަތްތަކުގެ ޚާއްޞަ ފޮޓޯއާއި ވީޑިއޯގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ ތަފާތު ވާހަކަތަކާއެކު ދުނިޔެއަށް ފެންނާނެހެން ޑޮކިއުމަންޓް ކުރެވޭނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

"އެކްރޮސް މޯލްޑިވްސް 2026" އަކީ ވިޒިޓް މޯލްޑިވްސް އާއި ޝަފްރާޒް ނައީމް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި މަޝްރޫޢުގެ ޓެކް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިފައިވާއިރު، އެއަރލައިން ޕާޓްނަރަކީ ބިޔޯންޑް އެއަރލައިންސެވެ.