ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން "ރޯދައަށް ރީތި" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންނަ މާރިޗު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، އެ ކޯޕަރޭޝަންގެ "ލައިޓް ފައިނޭންސިން ފެސިލިޓީ" އެއް ނަގަންޖެހެއެވެ. އެޗްޑީއެފްސީން ބުނީ މި ފެސިލިޓީ ނަގާ ކަސްޓަމަރުން މި ޕްރޮމޯޝަންގެ ދަށުން ނެގޭ ގުރުއަތުގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:

އެއްވަނައަށް ހޮވޭ ފަރާތަކަށް: ދެ މީހަކަށް ރިސޯޓެއްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު.

ދެވަނައަށް ހޮވޭ ފަރާތަކަށް: މެލޭޝިއާގެ ދެކޮޅު ޓިކެޓު. 

ތިންވަނައަށް ހޮވޭ ފަރާތަކަށް: 5،000 ރުފިޔާގެ ފައިސާގެ އިނާމު.

އެޗްޑީއެފްސީގެ ލައިޓް ފައިނޭންސިން ފެސިލިޓީއަކީ ގޭތެރެ ޒީނަތްތެރިކުރުމަށާއި، މަރާމާތުކުރުމުގެ އިތުރުން ގެއަށް ބޭނުންވާ ހިފާ ގެންގުޅޭ ތަކެއްޗާއި އެކިކަހަލަ ސާމާނު ގަތުމަށް ދޫކުރާ ފެސިލިޓީއެކެވެ. މިއީ އެ ކޯޕަރޭޝަނުން ދޫކުރާ އެންމެ ފަސޭހައިން އަދި އެންމެ އަވަހަށް ނެގޭ ފެސިލިޓީ ކަމަށް އެޗްޑީއެފްސީން މައުލޫމާތުދެއެވެ.

މި ފެސިލިޓީގެ ދަށުން 50،000 (ބައިލައްކަ) ރުފިޔާއިން ފެށިގެން 500،000 (ބައި މިލިއަން) ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެއެވެ. އަދި މި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް ވެސް އެޗްޑީއެފްސީ އިން ބުނެއެވެ. 

ކަސްޓަމަރުންނަށް މި ފެސިލިޓީއަށް އެޗްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ހުށަހަޅާފައިވާ އެޕްލިކޭޝަން ކުރިއަށް ގޮސްފައިވާ މިންވަރުވެސް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.