ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަށައިފިއެވެ.

މި ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން މިއަދު ބުނީ، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފެނަކައިން ބުނީ މިހާރު ކުރިއަށްދަނީ ގްރޭޓާ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތެވެ. އެގޮތުން، މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބޭނުންވާ އިންޑޯ އޭސީ ޔުނިޓްތައް ހަރުކުރުމުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ފެނަކައިން އިތުރަށް ބުނީ، އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން، މާލެ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.