ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ދާދިފަހުން ބޭއްވި "ޖޯއި އެވޯޑްސް 2026" ގެ ތެރެއިން އާންމުވި ވީޑިއޯއަކާ ގުޅިގެން، ތުރުކީގެ މަޝްހޫރު ބަތަލާ އަދި މޮޑެލް ހާންޑޭ އާޗެލް ދެއްކި ވާހަކަތަކަކުން މީސްމީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

މި ހަފުލާގެ ތެރެއިން އާންމުވި ވީޑިއޯއެއްގައި ބޮލީވުޑްގެ ސުޕަރސްޓާރ ޝާހްރުކް ޚާން، މިސްރުގެ ބަތަލާ އާމިނާ ޚަލީލްއާއެކު ސްޓޭޖްމަތީގައި އެވޯޑެއް ހުށަހަޅަން ހުއްޓާ ހާންޑޭ ވީޑިއޯ ކުރާ މަންޒަރު ފެނެއެވެ. މި ވީޑިއޯ މީސްމީޑިއާގައި ފެތުރިގަތުމާއެކު، އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ހާންޑޭއަކީ ޝާހްރުކްގެ ބޮޑު ފޭނެއް ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ.

ނަމަވެސް މި ވާހަކަތަކަށް ރައްދު ދެމުން ހާންޑޭ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނެފައިވަނީ އޭނާއަކީ ޝާހްރުކްގެ ފޭނެއް ނޫން ކަމަށެވެ. އެ ވީޑިއޯއިން ފެންނަ ޝާހްރުކްގެ ސްކްރީންޝޮޓެއް ހިއްސާކުރަމުން ހާންޑޭ ވަނީ މަޖާޒީ ގޮތަކަށް "މިއީ ކޮން އަންކަލްއެއް؟" އޭ ބުނެ ސުވާލު އުފައްދާފައެވެ. ހާންޑޭ ސާފުކޮށްދިން ގޮތުގައި އޭނާ ވީޑިއޯ ކުރަމުން ދިޔައީ ޝާހްރުކްގެ ކައިރީގައި ހުރި އޭނާގެ ގާތް ރަހުމަތްތެރިޔާ އާމިނާ ޚަލީލްއެވެ. އަދި މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

ހާންޑޭ މިފަދަ ބަހެއް ބުނެފައިވީ ނަމަވެސް، ޝާހްރުކް ޚާން އަކީ ބޮލީވުޑްގެ "ރަސްގެފާނު" ކަން އޭނާ ވަނީ އަނެއްކާވެސް ސާބިތުކޮށްދީފައެވެ. އިންޓަނެޓް މޫވީ ޑޭޓާބޭސް އިން ދާދިފަހުން އާންމުކުރި "25 އިޔާސް އޮފް އިންޑިއަން ސިނަމާ" ރިޕޯޓުގައި ބުނާގޮތުން، 2000 ވަނަ އަހަރުން ފެށިގެން 2025 ގެ އޮގަސްޓް މަހުގެ ނިޔަލަށް އިންޑިއާގެ އެންމެ ނުފޫޒުގަދަ އަދި މަގުބޫލު އެކްޓަރަކީ ޝާހްރުކް ޚާންއެވެ.

މަހަކު 250 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ IMDb ގެ މި ދިރާސާ ބިނާކޮށްފައިވަނީ ބެލުންތެރިންގެ ރޭޓިންގްސްގެ މައްޗަށެވެ. ވޭތުވެދިޔަ 25 އަހަރު ތެރޭގައި ކޮންމެ އަހަރަކު ނުކުތް އެންމެ މަގުބޫލު ފަސް ފިލްމު ހިމަނައިގެން އެކުލަވާލި 130 ފިލްމުގެ ލިސްޓުގައި ޝާހްރުކްގެ 20 ފިލްމު ހިމެނެއެވެ. މިއީ އެހެން އެއްވެސް އެކްޓަރަކަށް ލިބިފައިވާ ކާމިޔާބީއެއް ނޫނެވެ. ޚާއްޞަކޮށް 2000 އާއި 2004 އާ ދެމެދު ނުކުތް އެންމެ މަގުބޫލު 25 ފިލްމުގެ ތެރެއިން 8 ފިލްމަކީ އޭނާގެ ފިލްމުތަކެވެ.

ޝާހްރުކް ޚާން ޖޯއި އެވޯޑްސްގައި ބައިވެރިވުމާ ގުޅިގެން އާންމުވި އެކި ވީޑިއޯތަކަށް މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާއިރު، ބައެއް ފަރާތްތަކުން އަންނަނީ ހާންޑޭގެ ބަހަށް ރައްދުދީ ތަފާތު "މީމްސް" ތައް ވެސް ހަދަމުންނެވެ.