ބޮލީވުޑްގެ ކާމިޔާބު ފިލްމު "ދުރަންދަރް" އަށް ލިބުނު ބޮޑު ތަރުހީބުން، މީހުން އަދިވެސް ސިނަމާތަކަށް ގޮސް ފިލްމު ބެލުމުގެ ފޯރި ހުރިކަން ސާބިތުވެއްޖެ ކަމަށް މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފް ބުނެފިއެވެ. އޭނާ މިހެން ބުނީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުންނެވެ.

ޖެކީ ބުނީ އޯޓީޓީ ޕްލެޓްފޯމްތައް އާންމުވި ނަމަވެސް، ސިނަމާތަކަށް ގޮސް ފިލްމު ބަލާ މީހުން މަދުނުވާ ކަމަށެވެ. އަދި މީހުން އަދިވެސް ސިނަމާތަކަށް ގޮސް ނަށައި، ހަޅޭއްލަވައި އުފާފާޅުކުރަން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ޖެކީ ބުނި ގޮތުގައި ކުރިން ވެސް 10 ފިލްމުގެ ތެރެއިން ހިނގަނީ 3 ފިލްމެވެ. އަދި މިހާރު ވެސް އެކަން އޮތީ އެހެންނެވެ. ރަނގަޅު ފިލްމެއް ނަމަ މީހުން ބަލަން ދާނެކަން "ދުރަންދަރް" އާއި "އެނިމަލް" ފަދަ ފިލްމުތަކުން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ސިނަމާތަކުގެ ޖާގަ ކުޑަވަމުންދާ މައްސަލައަށް ވެސް ޖެކީ އަލިއަޅުވާލިއެވެ. އޭނާ ބުނީ ކުރިން 1000 މީހުންގެ ޖާގަ އޮންނަ ތަންތަން މިހާރު 200 މީހުންގެ ޖާގައަށް ބަދަލުވެ، ބާކީ ބައި ޝޮޕިން މޯލްތަކަށް ބަދަލުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މަރާޓާ މަންދިރު ފަދަ ބޮޑެތި ސިނަމާތައް އަދިވެސް އެބަހުރި ކަމަށާއި، ފިލްމު ބެލުމުގެ ފޯރިއަށް ބަދަލެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

ރަންވީރު ސިންގް ލީޑު ރޯލުން ފެންނަ "ދުރަންދަރް" އަކީ 2025 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އާދިތިޔަ ދާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ދުނިޔޭގެ ބާޒާރުގައި 1300 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މިއީ އެކްޝަން ސްޕައި ތްރިލާއެކެވެ.