ކޮވިޑް19 ގެ ސަބަބުން އެތައް ކުދިންނެއް ވަނީ ޔަތީމުވެފައެވެ. އިންޑިއާގައި ވެސް މިފަދަ އެތައް ކުޑަކުދިންނަށް އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މުމްބާއީގެ ފުލުހެއް ކަމަށްވާ އުމުރުން 40 އަހަރުގެ ރެހާނާ ޝެއިޚް ދަނީ ފުލުހެއްގެ ޑިއުޓީގެ އިތުރުން ގިނަ ހިދުމަތްތަކެއް ކުރަމުންނެވެ.
މިދިޔަ އަހަރު މިކަން ފެށުނު ގޮތް ކިޔައިދެމުން ރެހާނާ ބުނެފައިވަނީ މިގޮތަށް ހާލުގައި ޖެހިފައި ތިބޭ ނިކަމެތި ކުދިން ކިޔަވަންދާ ސުކޫލެއް އޭނާގެ ރަހުމަތްތެރިއަކު ތައާރަފް ކޮށްދިން ކަމަށެވެ. އެ ސުކޫލު ފެނުމުން އެކުދިންނަށް އެހީތެރިވާން ބޭނުންވި ކަމަށާއި އެހެންކަމުން އޭގެތެރެއިން 50 ކުދިން "އެޑޮޕްޓް" ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
ރެހާނާ ދަނީ މި ކުދިންގެ ކިޔެވުމަށް ބޭނުންވާ ޚަރަދުތައް ވެސް ކޮށްދެމުންނެވެ. ރެހާނާ ބުނެފައިވާ ގޮތުން އެ 50 ކުދިން ގުރޭޑް 10 ނިމެންދެން އެކުދިންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް އޭނާ ބަލަހައްޓާނެއެވެ.
ރެހާނާއަކީ ޕްލާސްމާ ބޭނުންވެފައިވާ 54 ފަރާތަކަށް ޕްލާސްމާ ފޯރުކޮށްދީފައިވާ ފަރާތެކެވެ. އަދި ހޮސްޕިޓަލް އެނދު ހޯދައިދިނުމުގެ އިތުރުން އޮކްސިޖަން ހޯދައިދިނުމުގައި ވެސް ރެހާނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކޮވިޑު19 ގެ މި ނުރައްކާތެރި ދުވަސްވަރު ރެހާނާ މިފަދަ އެހީތެރިކަން ފޯރުވަމުން ދަނީ އޭނާގެ ޑިއުޓީ ނިމިގެން ލިބޭ ހުސް ވަގުތުގައެވެ. އަދި ފުލުސް އޮފިސަރެއްގެ ހައިސިއްޔަތުން ވެސް ރެހާނާ ދަނީ އެހީ ބޭނުންވެފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
