ފެށުން:

ދިވެހި މުޖުތަމައުގެ ތެރޭގައި ފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ، ސްޓްރޯކް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ވާހަކައެވެ. މި ކަންބޮޑުވުމާ އެކު، ގިނަ ބައެއްގެ އިނގިލި ދިއްކުރެވެނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖެހި ވެކްސިނަށެވެ. ނަމަވެސް، މި މައުޟޫއަކީ ހަމައެކަނި ފެންނަ ފެނުމަށް ބަލައި ނިންމާލެވޭނެ ކަމެއް ނޫނެވެ. މީގެ ފަހަތުގައި ސިއްހީ އަދި ސައިންޓިފިކް އެތައް ސަބަބުތަކެއް ފަރުދާވެ އެކުލެވިގެންވެއެވެ. ސްޓްރޯކް އިތުރުވުމަކީ ހަގީގަތުގައި ކޮވިޑް ބަލީގެ ސަބަބުންނާއި، އަދި ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާ ވެސް ގުޅިފައިވާ ކަމެކެވެ.

 

ކޮވިޑް ބައްޔާއި ސްޓްރޯކްގެ ނުރައްކާ:

ސައިންޓިފިކް ތަފާތު ހޯދުންތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 އަކީ ހަމައެކަނި ނޭވާލާ ނިޒާމަށް އަސަރުކުރާ ބައްޔެއް ނޫނެވެ. މި ވައިރަހަކީ އިންސާނާގެ ހަށިގަނޑުގެ ލޭހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗެކެވެ. ބަލީގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތައް ކުރިމަތިވުމާއި، ލޭހޮޅިތަކުގެ އެތެރޭގެ ނާޒުކު ފަށަލައަށް ލިބޭ އަނިޔާތަކުގެ ސަބަބުން ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިތައް ބެދި، ސްޓްރޯކް ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެގެންދެއެވެ. ބަލީގެ ވަރުގަދަ މަރުހަލާގައި މި ނުރައްކާ އާންމުކޮށް ކުރިމަތިވި ނަމަވެސް، މިއީ ސިއްހީ ގޮތުން ނުހަނު ބޮޑަށް ސަމާލުވާންޖެހޭ ކަމެކެވެ.

ކޮވިޑް ބަލިން ފަސޭހަވުމަށްފަހު ވެސް، މި ބަލީގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި އަސަރުތައް އަހަރުތަކެއް ވަންދެން ހަށިގަނޑުގައި ދެމިގެންދާކަން ދިރާސާތަކުން ވަނީ ފާހަގަކުރެވިފައެވެ. ވަކިން ހާއްސަކޮށް "ކްރޮނިކް ކޮވިޑް" ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި، ކުރިން ވެސް ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު މަތިވުން ފަދަ ދާއިމީ ބަލިތައް ހުންނަ މީހުންނަށް ސްޓްރޯކް ޖެހުމުގެ ނުރައްކާ އޮތް މިންވަރު މާ ބޮޑެވެ. އެހެންކަމުން، ރާއްޖޭގައި ސްޓްރޯކުގެ ކޭސްތައް ގިނަވާ ގިނަވުމަކީ ކޮވިޑު ވެކްސިނުގެ ސަބަބުން ދިމައިވާ ކަމަކަަސްވުރެ ވުން ގާތީ ކޮވިޑުގެ ސަބަބުން ދިމައިވާ ކަމަކާއެވެ.

                   

ވެކްސިނާ ގުޅޭ ކަންބޮޑުވުންތައް:

ވެކްސިން ޖެހުމަށްފަހު ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ނުރައްކާތައް ކުރިމަތިވަނީ ވަރަށް މަދު ހާލަތެއްގައެވެ. އެގޮތުން އެސްޓްރާޒެނެކާ ފަދަ ވެކްސިންތައް ޖެހުމަށްފަހު، ވަރަށް މަދު މީހުންނަށް ލޭގަނޑުވުމުގެ މައްސަލަ ކުރިމަތިވާކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް މިއީ ވެކްސިން ޖަހާތާ ފުރަތަމަ މަދު ހަފުތާތަކެއްގެ ތެރޭގައި ފެންނަ، ނިސްބަތުން ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ. ރާއްޖޭގައި ގިނައިން ބޭނުންކުރި ފައިޒާ އަދި މޮޑާނާ ފަދަ އެމް.އާރް.އެން.އޭ ވެކްސިންތަކަށް ބަލާއިރު، މި ވެކްސިންތަކާއި ސްޓްރޯކާ ދެމެދު ސީދާ ގުޅުމެއް އޮތްކަން ބޮޑެތި އިތުބާރު ހުރި ދިރާސާތަކުން ހާމަވެފައެއް ނުވެއެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި ވެކްސިނުން ކުރިމަތިވެދާނެ ކުދިކުދި ނުރައްކާތަކަށްވުރެ، ކޮވިޑް-19 ބަލީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ލިބޭ ގެއްލުން މާ ބޮޑެވެ. ކޮވިޑް ބަލީގެ ސަބަބުން ފުއްޕާމެޔަށާއި، ހިތުގެ މަސްތަކަށް ލިބޭ ގެއްލުމާއި، ލޭގަނޑުވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވެކްސިން ޖަހައިގެން ދިމާވާ މައްސަލަތަކަށްވުރެ އެތައް ގުނައެއް އިތުރެވެ. އެހެންކަމުން، ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކުރުމަކީ އަމިއްލަ ސިއްހަތަށާއި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް އޮތް އެންމެ ފައިދާހުރި މަގެވެ. ވެކްސިނާ ގުޅޭގޮތުން ފެތުރޭ ނުރަނގަޅު މައުލޫމާތަށް ސަމާލުވުމުގެ ބަދަލުގައި، ސައިންސާއި ދިރާސާތަކުގެ އަލީގައި ކަންކަން ދެނެގަތުން މުހިންމެވެ.

              

ދިވެހިރާއްޖޭގެ ހާލަތު:

ރާއްޖޭގައި ސްޓްރޯކް އިތުރުވުމަށް މަގުފަހިވާ އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ. މީގެ ތެރޭގައި ދިވެހިންގެ ތެރޭގައި އާންމުވަމުންދާ ގައިންގަޔަށް ނުއަރާ ބަލިތައް ކަމަށްވާ ލޭމައްޗަށް ދިއުމާއި، ހަކުރު ބައްޔާއި، ކޮލެސްޓްރޯލް މަތިވުން ހިމެނެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ކަސްރަތު ނުކުރުމާއި، ކެއުމުގެ ނުރަނގަޅު އާދަތަކާއި ހާސްކަމާއި ފިކުރުބޮޑުވުމަކީ ސްޓްރޯކްގެ މައިގަނޑު އަސްލެވެ. މިފަދަ ކަންކަމަށާއި ބަލިތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމަކީ ވެސް ފަހުން ސްޓްރޯކް އިތުރުވާން މެދުވެރިވި ސަބަބަކަށް ވެދާނެއެވެ.

 

ބަލީގެ އަލާމާތެއް ނުފެނި ވައިރަސް އެތެރެވުން:

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރި ނަމަވެސް، ވަރަށް ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން ގިނަ ބައެއްގެ ހަށިގަނޑަށް ވައިރަސް އެތެރެވީ އެއްވެސް ކަހަލަ ބަލީގެ އަލާމާތެއް ނުފެނި "އަސިމްޕްޓޮމެޓިކް" ކޮށެވެ. ބޭރުފުށުން ހުންއައުމާއި، ކެއްސުން ފަދަ އެއްވެސް އުނދަގުލެއް ނުފެނުނު ކަމުގައި ވިޔަސް، މިގޮތަށް ހަށިގަނޑަށް ވަންނަ ވައިރަހުގެ ސަބަބުން އިންސާނާގެ ލޭހޮޅިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައި ހުރެދާނެއެވެ. މިއީ ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ހަށިގަނޑުގެ އެތެރޭގެ ނިޒާމުތަކަށް ނޭނގި ހުއްޓާ ލިބޭ ސިއްރު ގެއްލުމެކެވެ.

ބަލިޖެހުނުކަން ނޭނގި ހުއްޓާ ލޭހޮޅިތަކަށް ލިބުނު މިފަދަ ގެއްލުމެއްގެ ސަބަބުން، ދުވަސްތަކެއް ފަހުން ސިއްހީ މައްސަލައެއް ދިމާވުމުން އެއީ ވެކްސިނާ ގުޅުންހުރި ކަމެއް ކަމަށް ބުނުމަކީ ގިނަ ބަޔަކަށް ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް، ސައިންޓިފިކް ހަގީގަތަށް ބަލާއިރު، މިފަދަ ހާލަތްތަކުގައި ލޭހޮޅިތަކަށް ދިމާވާ މައްސަލަތަކުގެ އަސްލު ސަބަބަކީ ވެކްސިން ކަމަށް ނިންމުމަށްވުރެ، ބަލީގެ އަލާމާތެއް ނުފެނި ހަށިގަނޑަށް ވަތް ވައިރަސް ކަމަށް ވުމުގެ ފުރުސަތު މާ ބޮޑެވެ. އެހެންކަމުން، ސިއްހީ ގޮތުން ފަހުން ދިމާވާ މިފަދަ ކަންކަމުގައި ވެކްސިނަށްވުރެ ބޮޑަށް، ނޭނގި ހުއްޓާ ވައިރަހުގެ ސަބަބުން ހަށިގަނޑަށް ކުރި ނޭދެވޭ އަސަރާ މެދު ފުންކޮށް ވިސްނާލުން މުހިންމެވެ.

 

ނިންމުން:

ޖުމްލަ ގޮތެއްގައި ބަލާއިރު، ސްޓްރޯކްގެ ނުރައްކާ ބޮޑުވަނީ ވެކްސިނަށްވުރެ ބޮޑަށް ކޮވިޑް ބަލީގެ ސަބަބުންނެވެ. ވެކްސިނަކީ ބަލީގެ ނުރައްކާތެރިކަން ކުޑަކޮށްދީ، ފުރާނަ ސަލާމަތްކޮށްދޭ އައްޑަނައެކެވެ. އެހެންކަމުން، ސައިންޓިފިކް ހެކިތަކަށް ބަލާއިރު ވެކްސިން ޖެހުމަކީ އެންމެ ބުއްދިވެރި ގޮތެވެ. މީގެ އިތުރުން، ސްޓްރޯކުން ރައްކާތެރިވުމަށްޓަކައި ލޭގެ ޕުރެސަރު ކޮންޓްރޯލް ކުރުމާއި، ހަކުރު ބަލިން ރައްކާތެރިވުމާއި، ދުންފަތާ ދުރުވުމާއި، ފިކުރުބޮޑުވުމުން ދުރުވުމާއި އަދި ސިއްހީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހެއެވެ.

 

ރެފަރެންސް ލިސްޓް

ނައްފާ، އެމް. އެމް.، އެންޑް އަލް-އަވައިދާތު، އޯ. އޭ. (2024). ސްޓްރޯކް ރިސްކްސް އިން ޕޭޝަންޓްސް ވިތް ކޮވިޑް-19: މަލްޓިޕަލް މެކަނިޒަމްސް އޮފް ސާސް-ކޮވް-2، އިންޕެކްޓް އޮފް ސެކްސް އެންޑް އޭޖް، ވެކްސިނޭޝަން، އެންޑް ލޯންގް-ޓާމް އިންފެކްޝަން. ޑިސްކަވާ މެޑިސިން، 1(51). ސްޕްރިންގާ. އެވެއިލަބަލް އެޓް: ސްޕްރިންގާ


ޔަންގ، އެކްސް.، އެންޑް ޒޫ، ޑަބްލިއު. (2025). އިފެކްޓްސް އޮފް ކޮރޯނާވައިރަސް ޑިޒީޒް 2019 އޮން ދަ އިންސިޑެންސް، މޯޓަލިޓީ، އެންޑް ޕްރޮގްނޯސިސް އޮފް އިސްކެމިކް ސްޓްރޯކް: އޭ ސިސްޓަމެޓިކް ރިވިއު އެންޑް މެޓާ-އެނަލިސިސް. ފްރޮންޓިއާޒް އިން ނިއުރޮލޮޖީ، 16. އެވެއިލަބަލް އެޓް: ފްރޮންޓިއާޒް


ޗަންގޭލާ، އެސް.، ހަދީދްޗީ، ރ.، ވިޗާރޭ، އޭ.، ރަހްމާނީ، އެލް.، ހެންރީ، އެސް.، އެންޑް ޑުއޮންގް، ޓީ. ކިއު. (2025). ރިސްކްސް އޮފް ސްޓްރޯކް އެންޑް ޓްރާންޒިއެންޓް ސެރެބްރަލް އިސްކެމިއާ އަޕް ޓު 4 އިޔާސް ޕޯސްޓް-ސާސް-ކޮވް-2 އިންފެކްޝަން އިން ލާޖް ޑައިވާސް އަރބަން ޕޮޕިއުލޭޝަން އިން ދަ ބްރޮންކްސް. ޑައިގްނޯސްޓިކްސް، 15(24)، 3183. އެމްޑީޕީއައި. އެވެއިލަބަލް އެޓް: އެމްޑީޕީއައި


ލިއު، ޖޭ.، ކާއޯ، އެފް.، ލުއޯ، ސީ.، ގުއޯ، ވައި.، އެންޑް ޔަން، ޖޭ. (2023). ސްޓްރޯކް ފޮލޮވިންގ ކޮރޯނާވައިރަސް ޑިޒީޒް 2019 ވެކްސިނޭޝަން: އެވިޑެންސް ބޭސްޑް އޮން ޑިފަރެންޓް ޑިޒައިންސް އޮފް ރިއަލް-ވޯލްޑް ސްޓަޑީޒް. ޖާނަލް އޮފް އިންފެކްޝަސް ޑިޒީޒަސް، 228(10)، 1336–1346. އޮކްސްފޯޑް އެކަޑެމިކް. އެވެއިލަބަލް އެޓް: އޮކްސްފޯޑް އެކަޑެމިކް


ލޫ، ވައި.، މަޓުސްކާ، ކޭ.، ނަޑިމްޕައްލީ، ޖީ.، އެޓް އޯލް. (2024). ސްޓްރޯކް ރިސްކް އާފްޓަރ ކޮވިޑް-19 ބައިވެލަންޓް ވެކްސިނޭޝަން އެމަންގް ޔޫއެސް އޯލްޑަރ އެޑަލްޓްސް. ޖަމާ، 331(11)، 938–950. އެވެއިލަބަލް އެޓް: ޖަމާ ނެޓްވޯކް


ފްރޮންޓިއާޒް އިން ނިއުރޮލޮޖީ (2023). ފެކްޓާސް އެސޯސިއޭޓެޑް ވިތް ސްޓްރޯކް އާފްޓަރ ކޮވިޑް-19 ވެކްސިނޭޝަން. އެވެއިލަބަލް އެޓް: ފްރޮންޓިއާޒް


މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް. (2021). މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020. މާލެ، މޯލްޑިވްސް. އެވެއިލަބަލް އެޓް: މިނިސްޓްރީ އޮފް ހެލްތު މޯލްޑިވްސް


ވޯލްޑް ހެލްތު އޯގަނައިޒޭޝަން (2022). ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19): ވެކްސިންސް ސޭފްޓީ. ޑަބްލިއުއެޗްއޯ ކިއު އެންޑް އޭ. އެވެއިލަބަލް އެޓް: ޑަބްލިއުއެޗްއޯ


ވޯލްޑް ހެލްތު އޯގަނައިޒޭޝަން (2025). ސޭފްޓީ އޮފް ކޮވިޑް-19 ވެކްސިންސް. ޑަބްލިއުއެޗްއޯ ފީޗަރ ސްޓޯރީ. އެވެއިލަބަލް އެޓް: ޑަބްލިއުއެޗްއޯ