މަޟާން މަހަށް ހާއްސަކޮށްގެން މާލޭގައި ހުޅުވާ ވަގުތީ މާރުކޭޓުގައި، ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި ރާއްޖެއިން ބޭރުން އިމްޕޯޓުކޮށްފައިވާ މުދާ ވިއްކުން މަނާކޮށް، އެތަން ބޭނުންކުރުމުގެ އުސޫލު ސަރުކާރުން އާންމުކޮށްފިއެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި މާރުކޭޓަކީ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށް ގާއިމުކުރާ ތަނަކަށް ވާތީ، އެތަނުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ހައްދާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. އެހެންކަމުން ސަރުކާރުން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނާގޮތުން ރިހާކުރާއި އަސާރައިގެ އިތުރުން އިމްޕޯޓު މުދާ ވިއްކުމަކީ މަނާކަމެކެވެ.
މީގެ އިތުރުން، މި މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކުމަށް ބިދޭސީން ބޭތިއްބުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މާރުކޭޓުގައި ވިޔަފާރިކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ ނަމާދު ވަގުތުތައް ނުހިމަނައި، ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.
ތަކެތި ވިއްކުމުގައި ސާފުތާހިރުކަމަށް އިސްކަންދިނުމުގެ ގޮތުން، ކުރުނބާ، ކާށި، ކަށިކެޔޮ، ކަރާ އަދި ބަރަބޯ ފަދަ ހަރު ތޮށިގަނޑު ހުންނަ ބާވަތްތައް ފިޔަވައި އެހެން އެއްވެސް އެއްޗެއް ތަޅުންގަނޑު މަތީގައި ބެހެއްޓުން ވަނީ މަނާކޮށްފައެވެ. އެފަދަ ތަކެތި ވިއްކަން ވާނީ ތަޅުމުން ފެށިގެން މަދުވެގެން 2 ފޫޓު އުސް މޭޒެއް ފަދަ ތަނެއްގައި ބަހައްޓައިގެންނެވެ.
މި މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެންނެވެ. އަދި މާޗު މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން މުދާ ހުސްކޮށް މާރުކޭޓު ނިންމާލަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
