އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މާލޭގައި ގާއިމުކުރާ ވަގުތީ މާރުކޭޓުގައި ބައިވެރިވުމުގެ ފުރުސަތު، މި ހިނގާ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، މިއީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު އަތޮޅުތަކުން ގިނަ އަދަދެއްގެ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެންނާތީ، އެ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަގުސަދުގައި ގާއިމުކުރާ މާރުކޭޓެއް ކަމަށެވެ. މި ތަން ތައްޔާރުކުރަނީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ވެސް އެހީތެރިކަމާ އެކުގައެވެ.

މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން، އެ ރަށެއްގެ ދަނޑުވެރިންނާ ގުޅިގެން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ފޯމު ހުށަހަޅާއިރު، ވޭތުވެދިޔަ 2025 ވަނަ އަހަރުގެ ރޯދަ މަހު އެ ރަށަކުން ބޭރުކުރި ބާވަތްތަކުގެ އަންދާސީ މިންވަރާއި، މި އަހަރު (2026) ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ އަދަދު އެނގޭނެހެން ހިމަނަން ޖެހެއެވެ.

މިކަމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ 29 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ. ފޯމު ހުށަހަޅާނީ agriculture.dpt@agriculture.gov.mv އަށެވެ. އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 3309390 ނުވަތަ 3309394 އަށް ގުޅުމަށް މިނިސްޓްރީން އެދެއެވެ.