މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުތަކަށް 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައި، އެކަމަށް ދޭނެ އަގުތައް ހާމަކޮށްފިއެވެ.
މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނިން ކަންނެލި ގަންނަމުންދާނީ ބަރުދަނަށް ބަލައި ދެ އަގެއްގައެވެ. އެގޮތުން 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު، 15 ކިލޯއިން މަތީގެ ކަންނެލި ގަންނަމުންދާނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.
މި އުސޫލުގެ ދަށުން އިއްޔެ ވަނީ ކޫއްޑޫ، އައްޑޫ، ފުވައްމުލައް އަދި ގދ. ގައްދޫ އާއި ތިނަދޫ ސަރަހައްދުގައި ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރަށް ކަންނެލި ގަނެފައެވެ. މިފްކޯއިން ބުނީ ކަޅުބިލަމަހެކޭ އެއްފަދައިން، ކިރުވާ ކަންނެލި މަހަށް ވެސް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ ކަމަށެވެ.
މި މަހުގެ 11 ވަނަ ދުވަހު ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފެށި ނަމަވެސް، މިހާރު މި ވަނީ މިފްކޯގެ ހުރިހާ ސެންޓަރަކާއި ބޯޓުތަކަށް ވެސް މި ޚިދުމަތް ފުޅާކޮށްފައެވެ.
މިފްކޯއިން ބޮޑު ކަންނެލި ގަތުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމަށް ގޮވާލައި، މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހު، ގިނަ އަދަދެއްގެ ދޯނިފަހަރުން ވަނީ މާލެ ފަޅުތެރޭގައި އިހުތިޖާޖުވެސް ކޮށްފައެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ބޮޑު ކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެ މަސައްކަތް އަދި މިހާތަނަށް ފެށިފައެއް ނުވެއެވެ.
