ބައެއް މީހުންގެ ދިރިއުޅުން އިންތިހާއަށް އުފާވެރިއެވެ. ހިތްގައިމެވެ. އެނެއް ބަޔަކަށް އެއީ ހިތްދަތި އެކަނިވެރިކަމެކެވެ. އެ ދިރިއުޅުމުގައި އޭނާ ކެތްކޮށްލައިގެން ހުންނަނީ އެ މީހުންގެ ދަރިންގެ ހައްގުގައެވެ. އެފަދަ މީހުންނަށް އެ ލޮލުން ކަރުނަ ހިކޭ ވަގުތެއް ނާންނާނެއެވެ. ހަޔާތަކީ އެކަނިވެރިކަމާއި މާޔޫސީކަމުގެ މަހައްލެކެވެ. ބިރުވެރި ހަނަފަސް ކައްވަޅެއް ފަދައެވެ. އެ މީހެއްގެ ދުނިޔެ އެނބުރެމުން ދާނީ ހިތްދަތިކަމާއި ހިތާމައިގެ ކަރުނައިގެ ތެރޭގައެވެ. މަޔޫސްކަމާއި އެކަނިވެރި ކަމުގެ ތެރޭގައެވެ.

އަހަންނަށް ކައިވެނި ކުރެވުނީ މައިންބަފައިން ދެއްކި "ރަގަޅު" މީހަކާއެވެ. ބަސްމަދު މީހެކެވެ. ޒައިން އަހަންނަކަށް އަނިޔާއެއް ނުކުރެއެވެ. އެހެނަސް އޭނާގެ މިޒާޖު އަހަންނާއި ވަރަށް ތަފާތެވެ. ޒައިންގެ މާގިނަ ކަންކަމެއް އިނުމުގެ ކުރިން އަހަންނަކަށް ނޭނގެއެވެ. އަހަރެން ޒައިންނާއި ކައިވެނި ކުރީ ބައްޕަމެން ބުނި ބުނުމަކަށެވެ. 

އަހަންނަކީ އޭނާ އާއި އިން އިރު ވެސް ވަރަށް ސޯސަލް މީހެކެވެ. މީހުންނާ ގުޅޭ މީހުންނާ ރައްޓެހި މީހެކެވެ. އެކުވެރިންނާއެކު ކޮފީތަކަށް ގޮސް އުޅުމަށް އާދަވެފައިވާ ޒުވާނަކީމެވެ. ފޭސްބުކްގައައި ވަރަށް އެކްޓިވް މީހަކީމެވެ. ވަރަށްގިނަ ރައްޓެހިން ފޭސްބުކްގައި ގެންގުޅެމުން އައި މީހަކީމެވެ. ފިރިހެން އަދި އަންހެން ރައްޓެހިންނެވެ. އެ މީހުންނާއި ކޮންމެ ދުވަހަކު ޗެޓުކޮށް ވާހަކަ ދެއްކުމަކީ އަހަރެން ޒައިންނާއި އިނުމުގެ ކުރިން ވެސް ކުރަމުން އައި ކަމެކެވެ. ޒައިން އެދުނަސް އެކަން ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ. އެހެންކަމުން ޒައިން ނުގަބޫލު އިރު ވެސް އޭނާއާއި ވަގަށް އަހަރެން އެ ރަހުމަތްތެރިންނާއި ޗެޓުކޮށް ވާހަކަ ދައްކަމެވެ. 

އެހެނަސް އަހަރެންގެ ފިރިމީހާ މުޅިން ތަފާތެވެ. މަދު ރައްޓެއްސެއް ނޫނީ އޭނާ ނުހުރެއެވެ. ވަޒީފާ އަދާކުރުމަށްފަހު ލިބޭ ހުސްވަގުތު ގިނައިން ހޭދަ ކުރާނީ ގޭގައެވެ. އޭނާ އަކީ ރައްޓެހިންނާއި އެކު ކޮފީތަކަށް އާދަވެ ދާ މީހެއް ނޫނެވެ. ޒައިން ބޭނުންވަނީ އަހަރެން ވެސް އޭނާ އުޅޭ ގޮތަށް ގޭގައި ގިނަ ވަގުތު ހޭދަ ކުރުމަށެވެ. އެކަންވީ އަހަންނަށް އުނދަގޫ ކަމަކަށެވެ. އަހަރެން ގޭތެރެ މަސައްކަތް ކުރަމެވެ. ކައްކަމެވެ. ގޭތެރެ ސާފުކުރަމެވެ. ދޮވެ އިސްތިރި ކުރަމެވެ. އަހަންނަށް ލިބޭ ހުސް ވަގުތު ކޮޅުގައި އަހަރެން ހިތްހަމަޖެހޭ ކަމެއް ކޮށްލުމުގެ މިނިވަންކަން އޮންނަން ވާނެ ނޫން ހެއްޔެވެ. 

ފިރިމީހާ ނުގަބޫލުކަން އެނގޭތީއާއި އޭނާގެ ކައިރީ އަހައިފިނަމަ ނުފޮނުވާނެ ކަން ޔަގީންވާތީ، ފަހަކަށް އައިސް އަހަރެން ކޮފީއަށް ދަނީ އޮފީހުގައި ނުނިމި ހުރި މަސައްކަތް ނިންމަން ކަމަށް ބުނެއެވެ. 

އަހަރެންގެ ފިރިމީހާ އަކީ މާ ގިނައިން ވާހަކަ ދައްކާ މީހެއް ނޫނެވެ. ކަމަކާ އަހަންނާ މަޝްވަރާ ކުރާ މީހެއް ނޫނެވެ. ލައިފްގެ ކަންކަމާއި މުސްތަގުބަލުގެ ކަންކަމާއި މަޝްވަރާ ކުރުމަކީ އަމުދުން ބޭނުން ކަމެއް ކަމަށް ޒައިން ނުދެކެވެ.  ޒައިންގެ ވިސްނުން ހުންނަ ގޮތަކީ އޭނާ ބޭނުން ވެއްޖެ ކޮންމެ ކަމެއް އެގޮތަކަށް ވާން ޖެހޭނެއެވެ.  އަހަރެން ދޭ ޚިޔާލެއް ދުވަހަކު އޭނާއަކަށް ކަމަކު ނުދާނެއެވެ.  އޭނާ ބުނާ ވަގުތަކު ކާން ތައްޔާރުވެފައި ހުންނަން ޖެހޭނެއެވެ. ދެ މީހުން އެކުގައި ދުއްވާލަން ގޮސްލާ ހެދުމަކީ އޭނާއަށް ކަޓު ކަމެކެވެ.  އެހެނަސް ޒައިން ބުނެފިނަމަ އެ ރެއަކު ބޭރަށް ކާން ދާންވީއެވެ. އަހަރެންގެ ކައިރީގައި ހޭވެސް އަހާ ނުލާނެއެވެ. ހީވަނީ އަހަރެންމީ ޒައިން ބުނި ގޮތަކަށް އެނބުރެން ހުރި ބުދެއް ހެންނެވެ.

އެނެއްކޮޅުން އޭނަ ހިތްހަމަ ނުޖެހޭ ކަމެއް ދިމާވެއްޖެ ނަމަ އަހަންނާ ވާހަކަ ނުދައްކާ ކިތަންމެ ދުވަހެއް ވަންދެން ވެސް ހުރެދާނެއެވެ. ނަސީބަކުން މާ ބޮޑަށް އަޑުލައި ނަހަދާނެއެވެ. ދެ ތިން ބަހެއް ބާރަށް ބުނެލައިފާ ގެއިން ނުކުމެގެން ދާނީއެވެ. އަހަރެންގެ ގަޔަކު އަތެއް ނުލާނެއެވެ. އެހެންސް ދެން އަހަންނާ ވާހަކަ ނުދައްކާ ކިތަންމެ ދުވަހެއް ހުރެދާނެއެވެ. އޮފީހަށް ދަމުން އެދޭ ހަގެއް ނުދޭނެއެވެ. ޒައިންގެ މޫނުން އެ ދުވަސްތަކަކު ހިނިތުން ވުމެއް ފެނުމަކީ ނާދިރުކަމެކެވެ. އެ ކަންކަން އަހަންނަށް ވަރަށް މިސް ވެއެވެ. އަހަރެން ދެރަވެފައި ހުންނަމެވެ. އެންމެ ފަހުން ވެސް ކެތް ނުވެގެން ވާހަކަ ދައްކަން ޖެހޭނީ އަހަންނަށެވެ. އަހަރެން ވާހަކަ ދައްކަން ފެށުމުން ޒައިންގެ މޫޑު ރަގަޅުވެ ވާހަކަ ދައްކަން ފަށައެވެ. އެހެންކަމުން އަހަންނަށް ފީލްވަނީ އެ ކޮންމެ ކަމަކުން ޒައިން ކުއްވެރި ކުރަނީ އަހަރެންކަމެވެ.  

ނިދަން އޮށޯތުމާއެކު އަހަންނާއި ފުރަގަސް ދީގެން އޭނާ އޮންނާނެއެވެ. ބައްދާލި އަސް ޒައިންއަކަށް ކަމަކު ނުދެއެވެ. އޭނާގެ ބޭނުންތައް ފުދުމަށް ފަހު އެ ނިމުނީއެވެ. ކިތަންމެ ރެއަކު ނުނިދިފައި އަހަރެން އެބަ އޮންނަމެވެ. ލޮލުން ކަރުނަ ނިރާލާ ހާލުގައެވެ. ޒައިންގެ އެއްވެސް އަޅާލުމެއް އަހަންނަށް ނުލިބޭ ކަމުގެ އިހުސާސް އަބަދުމެ އަހަރެން ކުރަމެވެ. ކޮންމެ ރެއަކު ހިމޭންވާ ހިނދު އެނދުގައި އަހަރެން ދެ އަތަށް ފުރޮޅިލަ ފުރޮޅިލާ އޮވެ ކުރާ ހަނގުރާމައަކީ އެއީއެވެ. ޒައިންގެ ފަރާތުން ލޯތްބާއި އަޅާލުން ނުލިބެނީ ކީއްވެ ކަމާއިމެދު ކުރެވޭ ހިޔާލުތަކުގެ ހަނގުރާމައެވެ. 

ޒައިން ހިތްހަމަ ނުޖެހި ހުންނަ ދުވަސް ތަކުގައި އަހަންނާއި ގާތްކަން އުފައްދަނީ އެފްބީ ގައި ތިބޭ އަހަރެންގެ ޚާއްސަ ފިރިހެން ފްރެންޑްސް އިންނެވެ. އެމީހުން އަހަރެންގެ ވާހަކަ އަޑުއަހަން އެތައް އިރެއް ވަންދެން މަޑުކުރެއެވެ. އަހަރެންގެ އިހުސާސްތައް އެންމެ ރަގަޅަށް އެނގޭ މީހުން ކަމުގައި އެމީހުން ވާކަމުގައި އަހަންނަށް އިހުސާސް ކޮށްދެއެވެ. އަހަރެންނަށް ހަމްދަރީ ވެއެވެ. އެ އޯގާތެރި ބަސްތަކުން އަހަރެން އިތުރަށް މަގު އޮޅުން ނޫން ކަމެއް ނުވިއެވެ. އެ މީހުންގެ ނަސޭހަތުގެ އަޑު އަހައިގެން އަހަރެން މަސައްކަތް ކުރަމުން ދިޔައީ އެ މީހުން ކޮށަމުން ދިޔަ މަގުންނެވެ.  ދިރިއުޅުމުގައި އައު މަގެއް ކޮށަމުން ދެވޭކަމުގައި ދެކިގެންނެވެ.

އަސްލު އެހެން ވާންފެށީ ޒައިންގެ މިޒާޖާއި އުޅުން ހުންނަ ގޮތުގެ ސަބަބުން  އަހަރެން މި ދިރިއުޅުމާމެދު ފޫހި ވަމުން ދިއުމުންނެވެ. ރަހުމަތްތެރިން ބުނެއެވެ. ތިޔައީ ދިރިއުޅުމެއް ހެއްޔެވެ. ތިޔަ ދިރިއުޅުމުން އަވަހަށް ދުރަށް ދާން އުޅޭށެވެ. އޭނާ އާއި އިދިކީލަކަން ދައްކާލާށެވެ. އޭނާގެ ވިސްނުމަށް ގޮންޖަހާލާށެވެ. އޭރަށް ވަރަށް ފަސޭހައިން ތިޔަ ދިރިއުޅުމުން ބޭރުކޮށްލަފާނެއެވެ.

އަހަންނަށް ވެސް ރަހުމަތްތެރިން ދިން ނަސޭހަތަކީ ރަގަނޅު ކަމެއް ކަމަށް ގަބޫލު ކުރެވުނެވެ. އެމަގަށް ފައި ނެގިތަނާއި އަލަތު ދަރިފުޅަށް އަހަރެން މާބަނޑުވިއެވެ. ފޫހި ދިރިއުޅުމެއް ނަމެވެސް ލިބެން އުޅެނީ އަހަރެންގެ ވެސް އަލަތު ދަރިފުޅެވެ. އެހެންކަމުން އަހަރެން އުފާވިއެވެ. އެ ދަރިފުޅަށް އިންތިޒާރު ކުރީމެވެ. އެ ދަރިފުޅު ދުނިޔެއަށް އައުމުން އަހަންނަށް ހިތްހަމަ ޖެހުމެއް ލިބޭނެކަމަށް ދެކިގެންނެވެ. ފިރިމީހާގެ ފަރާތުން އޯގާތެރިކަމާއި އަޅާލުން ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ.

ދަރިފުޅު ލިބުނު ދުވަސް އެއީ އަހަންނަށް ބަޔާން ކުރަން ވެސް ނޭންގޭ އުފާވެރިކަމެއް އިހުސާސް ވި ދުވަހެކެވެ. އެ ދަރިފުޅު ބޮޑުވަމުން އައިއިރު ޒައިންގެ އެހީތެރިކަން އިންތިހާއަށް ލިބެމުން އައެވެ. އަހަރެން ހިތަށް އެރީ ޒައިންގެ އެ ހުންނަ މިޒާޖު ބަދަލުވާނެ ކަމަށެވެ. އެހެނަސް އެ ގޮތަކަށް އެކަމެއްނުވިއެވެ. އެއީ ހަމަ ކުރީގެ ވެސް ޒައިންއެވެ. ކުއްޖެއް ލިބުމުން އަހަރެން އިތުރަށް ގައިދުވީއެވެ. ގެއިން ބޭރަށް ނުކުތުން ހުއްޓުނެވެ. 

ފަހުން ފަހުން ޒައިން ކޮންމެ ދުވަހަކު އަހަރެންގެ ފޯނު ޗެކު ކުރަން ފެށިއެވެ. ސޯސަލް މީޑިޔާ ގައި އަހަރެން އެކި މީސް މީހުންނާއި ދައްކާފައިހުރި ވާހަކަތަކާއި ޑިލީޓް ކޮށްފައި ހުރި ޗެޓް ލޮގުތައް ހޯދައި އެ ކަމާއި ގުޅިގެން ސުވާލު ކުރެއެވެ. އަހަރެން  އެއީ ރަހުމަތްތެރިން ކަމުގައި ބުނި ނަމަވެސް އޭނާ އެ ކަން ގަބޫލެއް ނުކުރެއެވެ. އަހަރެންގެ ފޯނު ކޮށްޓަން ފެށިފަހުން  ޒައިން އަހަންނަށް އިތުބާރު ކުރާ ހެނެއް ހިޔެއް ނުވެއެވެ. އަހަރެން ޗެޓުކޮށް ފިރިހެނުންނާއި ވާހަކަ ދައްކަނީ އެ މީހުންނާއި އަހަންނާއި ދެމެދު ޚާއްސަ ގުޅުމެއް އޮންނާތީ ކަމުގައި ޒައިން ބުންޏެވެ. ޒައިންގެ އަނގައިން އެ ޖުމްލަ ބޭރުވި ދުވަހަކީ އަހަރެން  ޒައިން ދެކެ ވަރަށް ފޫހިވި ދުވަހެކެވެ. 

އެހެނަސް ޒައިންއަށް ނޭނގޭ ކަމަކީ އަހަރެން ވާހަކަ ދައްކާލާ އުޅެން ޒައިން ބޭނުން ނުވާއިރު ކޮންމެ ވެސް މީހަކާ އަހަރެން ވެސް ވާހަކަ ދައްކާލާ ކަންކަމާއި މަޝްވަރާ ކޮށްލަން ބޭނުން ވާނެކަމެވެ. ޒައިންއަކަށް އަހަރެންގެ ބެސްޓް ފުރެންޑަކަށް ނުވެވުނެވެ. މީހުން ބުނެއެވެ. ކައިވެންޏަށް ފަހު އޭނާގެ ބެސްޓް ފްރެންޑަކަށް ވާނީ އެ މީހެއްގެ ފިރިމީހާއެވެ. އެހެނަސް ޒައިން އެހެންނެއް ނޫނެވެ. ޒައިން ރުޅި އައިސް ވާހަކަ ނުދައްކާ ހުންނަ ދުވަސް ދުވަހު މަޖަލަކަށް ހަދާފައި އަހަރެން ދަރިފުޅު އުރައިގެން ހުރެ ކިޔަމެވެ. 

"ހަރުހިތޭ ހިލަ ހިތޭ ކަރުނުން މަޑުވާނެހޭ...!" 

އެ ލަވަ ކިޔަން ފެށުމުން ޒައިން ފާޑަކަށް އަހަންނާއި ދިމާއަށް ބަލަން ހުންނާނެއެވެ. ހިތްހަމަ ނުޖެހިފައި ހުންނަ ފާޑަކަށެވެ. އެވަރުން ވެސް އެއްޗެއް ނުބުނާނެއެވެ. 

އެއީ ޒައިން އެވެ. ޒައިންގެ  އެ މިޒާޖުން އިތުރަށް އެ ދިރިއުޅުމާއިގެން ކުރިއަށް ނުދެވޭނެ ކަމަށް ނިންމައި އެންމެ ފަހުން އަހަރެން ޒައިންނާއި ވަކިވީއެވެ. ކުއްޖެއް ހުރި ނަމަވެސް ޒައިންނާއި  ދުރުވީ އަހަރެންގެ ހިތަށް ކެތް ނުވެގެންނެވެ. އެ ފަދަ ހިތްދަތި ކަމެއް ބަރުދާސްތުކޮށް އަހަރެންގެ މުޅި ހަޔާތް އެ ގޮތުގައި ވޭތުކުރަން ބޭނުން ނުވީމައެވެ. ޒައިންގެ އެ ހަރު ހިތް އަހަންނަށްޓަކައި މަޑުވާނެ ކަމަށް ގަބޫލު ނުކުރެވުމުންނެވެ. ހިތާމައިގެ ކޯރުގައި ކިތަންމެ ދުވަހަކު ފެތި ނަމަވެސް ޒައިންގެ ފަރާތުން ހަމްދަރުދީގެ ފިރުމުމެއް ނުލިބޭނެކަން އެނގޭތީއެވެ. 

ނިމުނީ