އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސް ހުރި ދިވެއްސަކަށް ހާލުދެރަވެ، މައްކާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ހާލު ދެރަވެގެން ފަރުވާދެމުން އަންނަނީ ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހަކަށެވެ. އެ މީހާގެ ދަރިފުޅު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާގެ ބައްޕައަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި އެމީހާގެ ހާލަތަށް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ގްރޫޕްތަކުގެ ހަވާލުގައި 7،000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވާއިރު، މި ޗުއްޓީ ތެރޭގައި އުމްރާގެ އަޅުކަމުގައި އުޅުނު ތިން ދިވެއްސަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަފާ ގްރޫޕުގެ ފަރާތުން ދިޔަ މީހަކާއި އަލްމަނާސިކް ގްރޫޕުގެ ހަވާލުގައި ދިޔަ 62 އަހަރުގެ ފިރިހެނެއްގެ އިތުރުން ހިޖާޒް ގްރޫޕުގެ ހަވާލުގައި ދިޔަ މީހެކެވެ.
މީގެ އިތުރުން، އުމްރާއަށް ގޮސް ހުއްޓާ ހާލު ދެރަވި އެހެން ދިވެއްސަކު ދާދި ފަހުން ވަނީ ރާއްޖެ ގެނެސްފައެވެ. އެ މީހާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
