މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ ގޮތަކަށް ރާއްޖޭގެ ޓޫރިޒަމް ބައްޓަންކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން، މިނިސްޓަރު ތޯރިގު އިބުރާހިމް އެނަންތަރާ ރިސޯޓްސްގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެނަންތަރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ކޮމްޕްލެކްސް ޖެނެރަލް މެނޭޖަރު ޖޭސަން ކްރޫޒް އާއި އެނަންތަރާ ދިގު، ވެލި އަދި ނަލަދޫގެ ކޮމްޕްލެކްސް ރިސޯޓް މެނޭޖަރު އަހުމަދު އިމްތިޔާޒެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ހިންގާ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށެވެ.
މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކެތްކުރެވޭ ފަދަ ހައްލުތައް ހޯދުމަށް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރިސޯޓުތަކާއި އާންމު މުޖުތަމައުއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އަދި މި ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ހުނަރު ތަރައްގީކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރަމުން އިގްތިސާދީ ފައިދާ ލިބޭނެހެން ޓޫރިޒަމް ކުރިއެރުވުމެވެ. މި ބައްދަލުވުމަކީ އެ އަމާޒަށް ވާސިލުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
