ރޯދަ މަހާ ދިމާކޮށް ގެދޮރު އާބާތުރަ ފިލުވައި ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ ގޮތުން، ވެލިގާ ހާޑްވެއާއާ ގުޅިގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ސޭލް ރަސްމީކޮށް ފެށީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޝޯރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ، މަކިޓާ ޝޯރޫމް އަދި ހުޅުމާލޭ ކޮންސްޓްރަކްޝަންސް ޝޯރޫމްގެ އިތުރުން މާލެއާއި ހުޅުމާލޭގައި ހުންނަ ވެލިގާ ހާޑްވެއާގެ ފިހާރަތަކުގައެވެ. މި ޕްރޮމޯޝަނުގެ ދަށުން ނިޕޯން ޕެއިންޓާއި މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުންނާއި މަރާމާތު ކުރުމަށް ބޭނުންކުރާ އެހެނިހެން ސާމާނުން ވެސް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ސޭލް ކުރިއަށްދާ މުއްދަތުގައި ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ގުރުއަތުން ހޮވޭ ތިން ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާގެ ވައުޗަރެއް އަދި ދެވަނައަށް 20،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. މީގެ އިތުރުން ތިންވަނައަށް ހޮވޭ ފަރާތަކަށް ސްޓޯން ހޮޓެލްގައި ދެ މީހަކަށް ދެ ދުވަހު ހުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ރީޖަނަލް އައުޓްލެޓްތަކުން ވިއްކާ މަކިޓާ އަދި ނިޕޯން ޕެއިންޓްގެ އުފެއްދުންތަކުން ވެސް މި ޑިސްކައުންޓް ލިބި، ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. ގެދޮރު ޒީނަތްތެރި ކުރުމަށް ބޭނުންވާ ގިނަ ސާމާނުތަކެއް ހެޔޮ އަގުގައި ލިބޭ މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މާޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.