ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) ގެ ހިދުމަތްތައް ޒަމާނީކޮށް، އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އެ އިދާރާގެ ރަސްމީ ބްރޭންޑް އައިޑެންޓިޓީ ބަދަލުކޮށް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި އާ ބްރޭންޑް އައިޑެންޓިޓީ ތައާރަފުކޮށްފައިވަނީ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މެޓް އޮފީހުން ބުނި ގޮތުގައި މިއީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީގެ އެހީގައި ޔޫއެންޑީޕީން ހިންގާ "ތައްޔާރު" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ. އަދި މިއީ އެ އިދާރާގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީއެއް ކަމަށް އެ އޮފީހުން ފާހަގަކުރެއެވެ.
އާ ބްރޭންޑްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުގެ ވަގުތުގައި ދޭ "އާލީ ވޯނިން" ނުވަތަ ކުރިއާލާ އިންޒާރު ދިނުމުގެ ގައުމީ މައި އިދާރާގެ ހައިސިއްޔަތުން މެޓް އޮފީހުގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެއެވެ. މީގެ އިތުރުން، އާ ބްރޭންޑް ފަރުމާކޮށްފައި ވަނީ އެ އިދާރާގެ މަގުސަދުތައް ރަމްޒުކޮށްދޭ ގޮތަށް ކަމަށް ވާތީ، ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ އަދި އިތުބާރު ހުރި މައުލޫމާތުކަން ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ.
މި ބަދަލާ އެކު މެޓް އޮފީހުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިތުރުން ރަސްމީ ލިޔެކިޔުންތަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، މިއީ ރާއްޖޭގެ މޫސުމީ ހިދުމަތް އިންޓަނޭޝަނަލް ފެންވަރަށް ގެންދިއުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
