ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި މި މަހުގެ 24 ވަނަ ދުވަހު ފަށާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޯދަ ހަދިޔާ ބެހުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މުޅި ރާއްޖޭގައި 24 ވަނަ ދުވަހު ފެށި ނަމަވެސް، މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުން މި މަހުގެ 22 ވަނަ ދުވަހު ފަށާނެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރޯދަ ހަދިޔާ ދިނުމަށް ހަމަޖެހިފައި ވަނީ ޖުމުލަ 118،673 ގޭބިސީއަށެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅު ތެރޭގެ ރަށްތަކާއި ސިޓީތަކުން 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީއެވެ. އަތޮޅު ތެރޭގައި ގޭބިސީ ކަނޑައަޅާފައި ވަނީ ވަކިން ކައްކައި ކައިބޮއި ހަދާ އާއިލާތަކަށް ބަލައިގެންނެވެ. ނަމަވެސް މާލެ ސަރަހައްދުގައި ގޭބިސީ ބަލާފައި ވަނީ ކަރަންޓުގެ ޑޮމެސްޓިކް މީޓަރު ހުންނަ ތަންތަނަށެވެ.
މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުމަށް ހަމަޖެހިފައި ވަނީ 15 މަރުކަޒަކުންނެވެ. އެއީ މާލޭގައި 8 މަރުކަޒާއި ހުޅުމާލޭގައި 6 މަރުކަޒު އަދި ވިލިމާލޭގައި އެއް މަރުކަޒެވެ. މި މަރުކަޒުތަކުން ހަދިޔާ ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މާލޭގައި ނަމަ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު އަދި ގަލޮޅު ދަނޑު ފަދަ ތަންތަނުން ހަދިޔާ ލިބޭއިރު، ހުޅުމާލޭގައި އުމަރު ޒާހިރު ބިލްޑިންގް އާއި ހިޔާ ފްލެޓް ސަރަހައްދުން ހަދިޔާ ލިބޭނެއެވެ. ވިލިމާލޭގައި ހަދިޔާ ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.
ހަދިޔާ ހޯދުމަށް ދާންޖެހޭނީ ޕޮލިހުން ގާއިމުކޮށްފައިވާ ހާއްސަ ޕޯޓަލް roadhahadhiya.mv މެދުވެރިކޮށް ނަންބަރު ނަގައިގެންނެވެ. މި މަސައްކަތް އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށް ވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
