ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި 1997 ވަނަ އަހަރުގެ ފިލްމު "ބޯޑާ" ގެ ސީކުއެލް، "ބޯޑާ 2" ހުކުރު ދުވަހު ސިނަމާތަކަށް އަންނާނެއެވެ.
އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ މި ހަނގުރާމައިގެ ފިލްމަކީ ގިނަ ޒަމާންތަކެއް ވަންދެން ބެލުންތެރިން އިންތިޒާރުކުރަމުން އައި ފިލްމެކެވެ. މާދަމާ (23 ޖެނުއަރީ) ގައި ފިލްމު ރަސްމީކޮށް ރިލީޒްކުރާއިރު، ފިލްމަށް ލިބެމުންދާ ތަރުހީބު ވަރަށް ބޮޑެވެ.
ފިލްމު ނުކުތުމުގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނުރަސްމީ ރިވިއުތަކުން ދައްކާ ގޮތުގައި، މި ފަހަރުގެ ފިލްމަކީ ވަރަށް ޖަޒުބާތީ މަންޒަރުތަކެއް އެކުލެވޭ ފިލްމެކެވެ. ހާއްސަކޮށް ފިލްމުގެ ލީޑު ރޯލުން ފެންނަ ސަނީ ޑިއޯލްގެ އެކްޓިންއަށް ގިނަ ބަޔަކު ތައީދުކޮށްފައިވާއިރު، މިއީ "ކޮންމެ ބައްޕައެއްގެ ލޮލުން ކަރުނަ ހިލުވާލާނެ" ފަދަ މޮޅު ހުށަހެޅުމެއް ކަމަށް ބެލުންތެރިން ބުނެއެވެ. މީގެ އިތުރުން ފިލްމުގެ ފަހު 30 މިނެޓަކީ މުޅި ފިލްމުގެ އެންމެ ވަރުގަދަ އަދި އެންމެ ޝައުގުވެރި ބައި ކަމަށް ވެސް ރިވިއުތަކުގައި ފާހަގަކޮށްފައިވެއެވެ.
މި ފަހަރުގެ ފިލްމުގައި ވެސް އަލިއަޅުވާލާފައިވަނީ 1971 ވަނަ އަހަރުގެ އިންޑިއާ-ޕާކިސްތާން ހަނގުރާމައިގެ މައްޗަށެވެ. ނަމަވެސް ހަމައެކަނި ހަނގުރާމައިގެ މައިދާނުގެ މަންޒަރުތަކުގެ ބަދަލުގައި ސިފައިންގެ ގުރުބާނީ އާއި، އެކުވެރިކަމާއި، އެމީހުންގެ އަމިއްލަ ނަފްސާނީ ހާލަތުގެ މައްޗަށް ފިލްމުގައި ބޮޑު އިސްކަމެއް ދީފައިވެއެވެ.
މި ފިލްމުގެ ކާސްޓުގައި ސަނީ ޑިއޯލްގެ އިތުރުން ޒުވާން ތަރިން ކަމަށްވާ ވަރުން ދަވަން، ދިލްޖީތު ދޮސަންޖް، އަހާން ޝެޓީ، މޯނާ ސިންގް އަދި ސޯނަމް ބަޖްވާ ފަދަ ތަރިން ހިމެނެއެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ބަންދާ ދިމާކޮށް ފިލްމު ނެރޭތީ، ބޮކްސް އޮފީހުގައި ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ.
