ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، "ވިވިޑް ރިއަލިޒަމް – ބައި ހުސައިން" ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ކުރެހުމުގެ މައުރަޒެއް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ނޭޝަނަލް އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މައުރަޒަކީ ހުނަރުވެރި ކުރެހުންތެރިޔާ ހުސައިން އަލި މަނިކުގެ ފިހިން ތައްޔާރުކޮށްފައިވާ ކުރެހުންތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ. މައުރަޒުގައި ހުރި ކުރެހުންތަކުން ދިވެހިންގެ ޒަމާންވީ ދިރިއުޅުމުގެ އާދަކާދަތަކާއި މަސައްކަތްތެރިކަން ވަރަށް ފުރިހަމައަށް ސިފަކޮށްދެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން މެޑަމް ސާޖިދާ ވަނީ "ވިވިޑް ރިއަލިޒަމް – މައި ޖަރނީ ތްރޫ ދަ ކަލާސް އޮފް އަ ނޭޝަން" ގެ ނަމުގައި ލިޔެފައިވާ ފޮތް ވެސް ނެރެދެއްވާފައެވެ.
މައުރަޒު ހުޅުވައިދެއްވުމަށް ފަހު، ރައީސްގެ އަނބިކަނބަލުން ވަނީ މައުރަޒުގައި ބަހައްޓާފައި ހުރި ކުރެހުންތައް ބައްލަވާލައްވައި، އެ ތަކެތީގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެއަށްފަހު، ޝަރަފުވެރި މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެކަމަނާ ވަނީ ސޮއިކުރައްވާފައެވެ.
