ކޮޕާ އެމެރިކާގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލުން 3-0ގެ ތަފާތަކުން ވެނެޒުއޭލާ ބަލިކޮށް މި ފަހަރުގެ މުބާރާތް ފަށައިފިއެވެ.

ރޭގެ މެޗަށް ނިކުތްއިރު ވެނެޒުއޭލާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މި ފަހަރުގެ މުބާރާތް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުގެ ތެރެއިން 12 މީހުން ކޮވިޑް-19 އަށް ހެދި ޓެސްޓުތަކުން ޕޮޒިޓިވްވުމެވެ.

އެސްޓާޑިއޯ ނެސިއޮނާލް ޑެ ބްރެސިލިއާގައި ރޭ ކުޅުނު މި މެޗުގައި ބްރެޒިލުން ލީޑްނެގީ 23 ވަނަ މިނެޓުގައި ޕީއެސްޖީގެ ކެޕްޓަން މާކީނޯސް ކާމިޔާބުކުރި ގޯލުންނެވެ. މިހާފުގައި އެވަޓަންގެ ފޯވާޑް ރިޗާލިސަން ކާމިޔާބުކުރި ގޯލެއް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި އެ ޓީމުގެ ޕީއެސްޖީ ތަރި ނޭމާ އަށް ހުސްކޮށް ލިބުނު ފުރުޞަތެއްގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

މި މެޗުގައި ބްރެޒިލުން ޖެހި ދެވަނަ ލަނޑު، 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މިއީ ޕެނަލްޓީ އޭރިޔާތެރެއިން ބްރެޒިލްގެ ޑިފެންޑަރު ޑަނީލޯ އަށް ވެނެޒުއޭލާގެ ޔޯހަން ކުމާނާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ބްރެޒިލްގެ ލީޑް ފުޅާކުރުމަށް ނޭމާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، މެޗުނިމެން މިނެޓަކަށްވެފައިވަނިކޮށް ބްރެޒިލްގެ ތިންވަނަ ލަނޑުޖެހީ ނޭމާ ދިން ބޯޅައަކުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ގެބްރިއެލް ބާބޯސާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މި ގްރޫޕުގައި ހިމެނޭ ކޮލަމްބިއާ އިން ވަނީ 1-0 އިން އެކުއޭޑޯ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް މިގުއެލް ބޯރްހާ ބޮލުން ޖައްސާލި ޕާހަކުން ކާމިޔާބުކުރީ އެޑްވިން ކާޑޯނާ އެވެ. އޮފްސައިޑް ކަމަށް ނިންމާ ރެފްރީ އެންމެ ފުރަތަމަ މި ލަނޑު ގަބޫލުނުކުރިއެވެ. އެކަމަކު، ފަހުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ނިންމުން ބަދަލުކުރިއެވެ.