މާލެ ސަރަހައްދުގެ ގޭގޭގައި ހުރި ބާވެ ހަލާކުވެފައިވާ މުސްހަފުތަކާއި، ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ ދީނީ ފޮތްތައް ރައްކާތެރިކަމާ އެކު ނައްތާލުމަށްޓަކައި މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކައުންސިލުން މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައެވެ.

ކައުންސިލުން ބުނި ގޮތުގައި މި ތަކެތި ބަލައިގަތުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ތަކެތި ހަވާލުކުރެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށެވެ.

ތަކެތި ބަލައިގަތުމަށް މާލެ ސަރަހައްދުގެ ތިން ތަނެއް ވަނީ ކަނޑައަޅާފައެވެ. މާލޭގައި ތަކެތި ބަލައިގަންނާނީ ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ވަދެވޭ ގޮތަށް ހުންނަ ސިނަމާލެ 3 ގެ ގޯތިތެރެއިންނެވެ. ވިލިމާލޭގައި ނަމަ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ސެކްޝަނުން އަދި ހުޅުމާލޭގައި ނަމަ ސިޓީ ކައުންސިލްގެ ހުޅުމާލެ އޮފީހުން ތަކެތި ބަލައިގަންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ހަރަކާތުގައި ބަލައިގަންނާނީ ހަމައެކަނި ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާވެފައިވާ ފޮތްތަކާއި ލިޔުންތައް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ. މިއީ މުސްހަފުތަކާއި ދީނީ ލިޔުންތައް އިހުތިރާމާ އެކު ނައްތާލުމަށް އާންމުންނަށް ލުއިފަސޭހަ ގޮތެއް ހަމަޖައްސައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކަމެކެވެ.