ބަރަކާތްތެރި ރޯދަ މަސް އައުމުގެ ކުރިން، ފާއިތުވި އަހަރުގެ ދޫވެފައިވާ ރޯދައެއް ވާނަމަ އެ ރޯދަތައް ހިފައި ގަޒާކުރުމަށާއި، ރޯދަ މަހަށް ފުރިހަމައަށް ތައްޔާރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

"ޝައުބާން މަހު ކުރެވޭ ހެޔޮ އަމަލު" މި މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައި ވަނީ، މިހާރު މި ވޭތުކުރާ ޝަބާން މަހަކީ މައްސަރުތަކުގެ ތެރެއިން ވަރަށް ހާއްސަ މަހެއް ކަމަށެވެ. އެގޮތުން މިއީ ރޯދަ މަހަށް މަރުހަބާ ކިޔުމަށް ތައްޔާރުވުމުގެ ގޮތުން ހެޔޮ އަމަލުތައް ގިނަކޮށް، އަޅުކަމަށް ފަރިތަކޮށް ތަމްރީނުވުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ހުތުބާގައި ފާހަގަކުރިއެވެ.

މާތް ނަބިއްޔާގެ ސުންނަތުން މިސާލު ނަގައި ހުތުބާގައި ބުނީ، އެކަލޭގެފާނު މި މަހުގެ ތެރޭގައި ސުންނަތް ރޯދަ ހިއްޕެވުމާއި ނަމާދުކުރެއްވުން ގިނަކުރެއްވި ކަމަށެވެ. ނަމަވެސް "ހެޔޮ އަމަލު ކުރުމުގައި ދާއިމީ ގޮތެއްގައި ނުކުރެވޭ ވަރުގެ ބުރަ ކަންކަން ފަށައި، ފަހުން އެކަން ހުއްޓާލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، މޮޅު އިތުރުވެގެންވަނީ މަދުން ނަމަވެސް އެކަމެއްގައި ދެމިހުރުންކަން،" ހުތުބާގައި ހަނދާންކޮށްދިނެވެ.

ރޯދަ ހިފުމުގެ ހުކުމްތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ރޯދަ ހިފުމެއް ނެތް ކަމަށެވެ. ނަމަވެސް އާދަވެގެން ސުންނަތް ރޯދަ ހިފާ މީހަކަށް ނުވަތަ ގަލޯ ރޯދަ ފަދަ ވާޖިބު ރޯދައެއް ހިފަންޖެހިފައިވާ މީހަކަށް އެ ދުވަސްތަކުގައި ރޯދަ ހިފުން ހުއްދަވާނެ ކަމަށް ބުންޏެވެ. މީގެ އިތުރުން ޝައުބާން މަހަކީ މުސްލިމުންގެ ކިބުލަ މަސްޖިދުލް އަގްސާއިން ކައުބަތުﷲ ގެފުޅަށް ބަދަލުވި ތާރީހީ މަސްކަން ވެސް ހުތުބާގައި ފާހަގަކުރިއެވެ.

ވިޔަފާރިވެރިންނަށާއި އާންމުންނަށް ނަސޭހަތްތެރިވަމުން ހުތުބާގައި ވަނީ ރޯދަ މަހަކީ އިސްރާފުކުރާ މަހަކަށް ނުހެދުމަށް ގޮވާލާފައެވެ. އަދި ވިޔަފާރިވެރިން ދީލަތިވެ، ވިޔަފާރިއަކީ ސަވާބު ހޯދާ ވަސީލަތަކަށް ހެދުމަށް އެދުނެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ދުލާއި ގުނަވަންތައް ފާފަތަކުންނާއި ޒުވާބުކުރުން ފަދަ ކަންކަމުން ދުރުހެލިކޮށްގެން ކަމަށާއި، ގިނަގިނައިން ގުރުއާން ކިޔަވައި ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.