ދިވެހިރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް، ކުރިން ކަނޑައެޅި ޝަރުތުތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން އަލުން އިއުލާނުކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ކުރި އިއުލާނާ ގުޅިގެން ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހިމެނޭހެން 36 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެ ފަރާތްތަކުން ވަނީ އިއުލާނުގައިވާ ބައެއް ޝަރުތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، ހިދުމަތް ދޭ ފަރާތްތަކުން އެންމެ ބޮޑު ޝަކުވާއެއް ކުރީ ސަރުކާރަށް ހިލޭ ކޮށްދޭންޖެހޭ ދަތުރުތަކުގެ މިންވަރު ގިނަ ކަމުންނެވެ.
އެހެންކަމުން، އިއްޔެ ކުރި އައު އިއުލާނުގައި ވަނީ މިކަންކަމަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެނެސްފައެވެ.
އިއުލާނަށް ގެނައި މައިގަނޑު ބަދަލުތައް:
ހިލޭ ދޭންޖެހޭ ޚިދުމަތް: ކުރީގެ އިއުލާނުގައި ކުއްލި ހާލަތުގައި ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކަށް މަހަކު 80 ގަޑިއިރާއި 150 ގަޑިއިރުގެ ޚިދުމަތް ހިލޭ ދޭންޖެހޭ ގޮތަށް އޮތް އޮތުން ވަނީ ބަދަލުކޮށްފައެވެ. އައު އިއުލާނުގައިވާ ގޮތުން ޚިދުމަތް ފަށާ ދުވަސްކޮޅު ހިލޭ ދޭން ޖެހޭނީ މަހަކު 50 ގަޑިއިރެވެ. ނަމަވެސް ޚިދުމަތް ފަށާތާ 3 ވަނަ އަހަރުން ފެށިގެން މި އަދަދު 100-120 ގަޑިއިރަށް އިތުރުކުރަން ޖެހެއެވެ.
ހެލިކޮޕްޓަރުގެ އުމުރު: ކުރިން ޝަރުތުކޮށްފައި އޮތީ 8 އަހަރު ނުވާ ހެލިކޮޕްޓަރު ބޭނުންކުރުމަށެވެ. ނަމަވެސް މިހާރު ވަނީ 12 އަހަރު ނުވާ ހެލިކޮޕްޓަރު ބޭނުންކުރެވޭ ގޮތަށް ލުއި ދީފައެވެ.
މި މަޝްރޫއުގެ ދަށުން ހޮވޭ ފަރާތަކުން މައިގަނޑު ގޮތެއްގައި ކުރަންޖެހޭނެ ކަމަކީ ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލުމެވެ. މީގެ އިތުރުން، މެޑިކަލް އިމަޖެންސީގައި ބޭނުންކުރުމަށް މަދުވެގެން އެއް ހެލިކޮޕްޓަރު ހާއްސަކޮށްފައި ބާއްވަންޖެހެއެވެ. މިއީ ސްޓްރެޗަރާއެކު ދެ މީހުން އުފުލޭ ގޮތަށް ހުންނަ އުޅަނދަކަށް ވާންޖެހެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގައި، މި ހިދުމަތް ދޭ ފަރާތުން 1 ނޮވެމްބަރު 2027 ގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ޖެހޭނެއެވެ.
