ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ އައްޑޫ، ފުވައްމުލައް އަދި ހުވަދޫގެ ދެބައި ވައިގެ މަގުން ގުޅާލުމަށްޓަކައި، ގައުމީ އެއާލައިން މޯލްޑިވިއަން އިން ފުރޮޅުލީ ޓްވިން އޮޓާ ބޯޓެއް ހާއްސަކޮށް، ދަތުރުތަކުގެ އަގުތައް އާންމުކޮށްފިއެވެ.

މޯލްޑިވިއަނުން ހާމަކުރި ގޮތުގައި އަންނަ މަހު ފަށަން ހަމަޖެހިފައިވާ މި ދަތުރުތަކަށް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 15 މީހުންގެ ޖާގައިގެ ޑީއެޗްސީ-6 މަރުކާގެ ބޯޓެކެވެ. މިއީ މީގެ ކުރިން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަމުން އައި ބޯޓެއް ނަމަވެސް، މި ހާއްސަ ދަތުރުތަކަށްޓަކައި ބޯޓުގެ ފްލޯޓްތައް ނަގައި، އެއްގަމު ރަންވޭތަކަށް ޖެއްސޭ ގޮތަށް މިހާރު ވަނީ ފުރޮޅު ހަރުކޮށް މޮޑިފައިކޮށްފައެވެ.

މި ބޯޓު ބޭނުންކޮށްގެން ދަތުރުތައް ކުރާނީ އައްޑޫ ސިޓީ ގަމާއި، ޏ. ފުވައްމުލަކާއި، ގދ. ކާޑެއްދޫ އަދި ގއ. ކޫއްޑޫ އެއާޕޯޓަށެވެ.

ދަތުރުތަކުގެ އަގުތައް (ކޮޅަކަށް):

ގަން - ފުވައްމުލައް: 500ރ.
ފުވައްމުލައް - ކޫއްޑޫ / ކާޑެއްދޫ: 650ރ.
ގަން - ކޫއްޑޫ / ކާޑެއްދޫ: 900ރ.
މޯލްޑިވިއަނުން ބުނީ މި ދަތުރުތަކުގެ ބުކިންއަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ ދެކުނުގެ އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުކުރުމަށް އޮތް ދަތިތައް ނައްތާލައި، ކަނޑުދަތުރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމެވެ. މީގެ ސަބަބުން މޫސުން ގޯސް ދުވަސްވަރު ވެސް ބަލިމީހުން އުފުލުމަށާއި، ވަޒީފާއަށާއި ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެއެވެ.

މީގެ އިތުރުން، އައްޑޫ ގަން، ދެކުނުގެ ދަތުރުފަތުރުގެ މައި ހަބެއްގެ ގޮތުގައި ތަރައްގީކޮށް، އެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމާއި ގެސްޓްހައުސް ވިޔަފާރިއަށް މި ދަތުރުތަކުގެ ސަބަބުން އާ ދިރުމެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން އުންމީދު ކުރެއެވެ.