މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކަށް ރަޝިޔާ ވެއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ގަދަ 5 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނިފައެއް ނުވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 143,211 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މާކެޓްތަކަށް ބަލާއިރު އެންމެ ކުރީގައި އޮތީ 21,149 ފަތުރުވެރިންނާ އެކު ރަޝިޔާއެވެ.
ގަދަ 5 ގައުމު:
ރަޝިޔާ: 21,149 ފަތުރުވެރިން
އިޓަލީވިލާތް: 16,053 ފަތުރުވެރިން
އިނގިރޭސިވިލާތް: 12,509 ފަތުރުވެރިން
ޗައިނާ: 10,170 ފަތުރުވެރިން
ޖަރުމަނުވިލާތް: 8,867 ފަތުރުވެރިން
މީގެ ކުރިން ލިސްޓުގެ އެންމެ ކުރީގައި އޮތް އިންޑިއާ މިފަހަރު އޮތީ 5,120 ފަތުރުވެރިންނާ އެކު ލިސްޓުގެ 6 ވަނައިގައެވެ. އޭގެ ފަހަތުން ފްރާންސް، އެމެރިކާ، ޕޮލެންޑް އަދި އޮސްޓްރޭލިއާ ހިމެނެއެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށެވެ. އެގޮތުން ވީއައިއޭ އިން 141,363 ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން މާފަރު، ގަން، ހަނިމާދޫ އަދި ދާލު އެއާޕޯޓު މެދުވެރިކޮށް ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ފަތުރުވެރިންގެ މެދުގައި އަދިވެސް އެންމެ މަގުބޫލީ ރާއްޖޭގެ ރިސޯޓުތަކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި ވަގުތު ވެސް 98,698 ފަތުރުވެރިން އަންނަނީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
