އިންޑިއާގެ ނަން އިވުމުން ގިނަ މީހުންނަށް ސިފަވަނީ ތޮއްޖެހިފައިވާ މަގުތަކާއި، ހަލަބޮލި ބާޒާރުތަކާއި، ކާރުތަކުގެ ބަރުގޮނު އަޑެވެ. ނަމަވެސް އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓަކީ މުޅިން ތަފާތު ދުނިޔެއެކެވެ. "ގޯޑްސް އޯން ކަންޓްރީ" ގެ ނަމުން މަޝްހޫރުވެފައިވާ ކެރެލާގެ އެންމެ ޚާއްސަ ކަމަކީ އޭގެ "ބެކްވޯޓާސް" ނުވަތަ ފެން ކޯރުތަކެވެ.

މިއީ ހަށިގަނޑާއި ސިކުނޑި ތާޒާކޮށްލުމަށް ދިވެހިންނަށް ދެވޭނެ އެންމެ ހިތްގައިމު އެއް މަންޒިލެވެ.

ފެންމަތީގެ ގަނޑުވަރު: "ކެޓުވަލަމް" ގެ ތަޖުރިބާ
ކެރެލާގެ ފެން ކޯރުތަކުގެ (ޚާއްސަކޮށް އެލެޕީ ނުވަތަ ކުމަރަކޮމްގެ) ތަޖުރިބާ ފުރިހަމަވަނީ "ހައުސްބޯޓު" ދަތުރަކުންނެވެ. އެމީހުންގެ ބަހުންނަމަ "ކެޓުވަލަމް" އަކީ ކުރީ ޒަމާނުގައި ހަނޑޫ އުފުލަން ބޭނުންކުރި އުޅަނދުތަކެކެވެ. ނަމަވެސް މިހާރު މި އުޅަނދުތައް ވަނީ ފެންމަތީ ހޮޓާތަކަކަށް ބަދަލުކޮށްފައެވެ.

ބޯޓަށް އެރުމަށްފަހު ދެން ކުރަން އޮންނާނެ ހަމައެކަނި ކަމަކީ، ބޯޓުގެ ޑެކުގައި އިށީނދެގެން އިނދެ، މަޑުމަޑުން ދުވަމުންދާ ބޯޓާއެކު މަންޒަރުތަކަށް ގެއްލިފައި އިނުމެވެ. އެއްވެސް އަޑުގަދަ ކަމެއް ނެތެވެ. އިވޭނީ ހަމައެކަނި ދޫނިތަކުގެ އަޑާއި ފެންގަނޑު ކަފަމުންދާ އަޑެވެ.

ދިިރިއުޅުމުގެ މަންޒަރުތައް
މި ދަތުރުގައި ފެންނާނީ އާދަޔާ ހިލާފު ހަމަހިމޭންކަމެކެވެ. ކޯރުގެ ދެފަރާތުގައި ހެދިފައިވާ އުސް ރުއްތަކާއި، ފެހިކަން ގަދަ ބިންތަކެވެ. ކޯރުގެ އައްސޭރީގައި ދިރިއުޅޭ މީހުންގެ އާދައިގެ ދިރިއުޅުމެވެ. ކުދި ބޮއްކުރާތަކުގައި ކުދިން ސްކޫލަށް ދާ ތަނާއި، އަންހެންވެރިން ކޯރުން މަސްހިފާ ތަނެވެ. މިއީ ފޮތަކުން ކިޔާލުން ފަދަ ރީތި މަންޒަރުތަކެކެވެ.

ކެރެލާގެ މީރު ކެއުންތައް
ހައުސްބޯޓު ދަތުރުގެ އެންމެ މުހިންމު އެއް ބަޔަކީ ކެއުމެވެ. ބޯޓުގައި ހާއްސަ ކައްކާއެއް ހުރެއެވެ. މެންދުރުގެ ކެއުމަށް އާންމުކޮށް ލިބޭނީ ދޮންކޭލު ފަތުގައި ޕާރިސަލު ކޮށްފައިވާ ބަތެކެވެ ނުވަަތަ "ބަނާނާ ލީފް މީލް" އެވެ.

މިތަނުގެ އެންމެ މަޝްހޫރު ކެއުމަކީ "ކަރިމީން ޕޮލިޗަތު" އެވެ. މިއީ އެ ކޯރުތަކުން ލިބޭ މަހެއް ހާއްސަ ހަވާދެއްގައި ލުމަށްފަހު، ކެޔޮ ފަތުގައި ބަންދުކޮށްގެން ފިހެފައި އޮންނަ މަހެކެވެ. ކާށިކިރާއި ކަރަންފޫ އަދި ފޮނިތޮށި ބޭނުންކޮށްގެން ކައްކާފައި ހުންނަ ކެރެލާގެ ކެއުންތަކަކީ ދިވެހިންގެ ރަހަތަކާ ވަރަށް ގާތް، މީރު ކެއުންތަކެކެވެ.

ހަށިގަނޑަށް ޝިފާ: އާޔުވެދާ
ކެރެލާ އަކީ އާޔުވެދާ ބޭސްވެރިކަމުގެ ހާއްސަ ތަނެކެވެ. ބޯޓު ދަތުރަށްފަހު، ކޯރުގެ އައްސޭރީގައި ހުންނަ ރިސޯޓަކުން އާޔުވެދާ މަސާޖެއް ނަގާލުމަކީ ދަތުރުގެ ބުރަކަން ފިލުވާލައި، ހަށިގަނޑު ހަމައަކަށް އަޅުވާލުމަށް އެންމެ ރަނގަޅު ގޮތެވެ.

ދިވެހިން ކެރެލާއަށް ދަތުރުކުރާއިރު ވިސްނާލަށް މުހިންމު ބައެއް ކަންކަން: 

ދާން އެންމެ ރަނގަޅު ދުވަސްވަރު: ނޮވެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމައަށެވެ. މޫސުން ފިނިވާނެއެވެ.

ދަތުރުކުރާނެ ގޮތް: މާލެއިން ޓްރިވެންޑްރަމް ނުވަތަ ކޮޗިންއަށް ދިއުމަށްފަހު، އެތަނުން ކާރެއްގައި އެލެޕީ އަށް ދެވޭނެއެވެ.

ބުކިން: އެއް ދުވަހުގެ ދަތުރަކަށްވުރެ، ބޯޓުގައި ރޭކުރާ ގޮތަށް ދަތުރު ރާވާލުމުން ތަޖުރިބާ މާ ފުރިހަމަވާނެއެވެ.


ހަލަބޮލި މާހައުލުން ބޭރުވެ، ފޯނުތައް ނިއްވާލައި، ގުދުރަތީ ރީތިކަމުގެ ތެރެއަށް ގެއްލިލަން ބޭނުންނަމަ، ކެރެލާގެ ބެކްވޯޓާސް އަކީ އެންމެ ފުރިހަމަ މަންޒިލެވެ.