39 އަނބިންނާއި 94 ދަރިންގެ ބައްޕަ ޒިއޯނާ މަރުވެއްޖެއެވެ. ޒިއޯނާއަކީ އިންޑިއާގެ މިޒޯމާ ސްޓޭޓްގެ ފަރުބަދަމަތީ ސަރަހައްދުގައި އޮންނަ ޗާނާ ޕައޯލްގެ ލީޑަރެވެ. މި ސަރަހައްދަކީ 1942 ވަނަ އަހަރު އާބާދުވި ސަރަހައްދެކެވެ.

ޒިއޯނާ މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އޭނާ މަރުވި އިރު އުމުރަކީ 76 އަހަރެވެ. އޭނާ މަރުވެފައިވަނީ އައިޒައުލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އެޑްމިޓްކުރެވުނު އިރު ވެސް ސިއްހީ މައްސަލަތައް ހުރިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ލޭ މައްޗަށް ދިއުމާއި، ހަކުރުބަލީގެ މައްސަލަތައް ހުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޖޫން މަހުގެ 7 ވަނަ ދުވަހުން ފެށިގެން އޭނާގެ ހާލު ދެރަކަމަށް ރިޕޯޓްތައް ބުނެފައިވާއިރު، ބަލިވި ފަހުން އެއްވެސް އެއްޗެއް ނުކެވޭ ކަމަށާއި، ޖޫން މަހުގެ 11 ވަނަ ދުވަހާ ހަމައަށް ހާލުވަރަށް ގޯސްވެގެން ދިޔަ ކަމަށާއި ހޭވެރިކަން ވެސް ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. އަދި ޑޮކްޓަރުން އެގެއަށް ޒިޔާރަތްކޮށް ބެލުމަށްފަހު ހަށިގަނޑުން ލޭ މަދުވެފައިވާކަންވެސް ވަނީ ފާހަގަ ކޮއްފައެވެ. އަދި ގޭގައި ލޭވެސް ވަނީ އަޅާފައެވެ.

އަދި ހޭވެރިކަން ނެތުމާއެކު ޑޮކްޓަރުން ލަފާދިނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ކަމަށާއި، އައިސީޔޫގައި ފަރުވާދިނުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ. އަދި އާދީއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ އިރުކޮޅެއްގެ ތެރޭގައި މަރުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒިއޯނާ މަރުވި އިރު، އޭނާގެ 39 އަނބިންނާއި 94 ދަރިންގެ އިތުރުން 14 ޅީދަރިންނާއި، 33 ކާފަ ދަރިންނާއި މުނިކާފަ ދަރިއެއް ހުރިއެވެ. އޭނާގެ އާއިލާގެ މެންބަރުން ދިރިއުޅެމުން އަންނަނީ 4 ބުރިއަށް ނަގާފައި ހުންނަ އިމާރާތެއްގެ 100 ކޮޓަރިއެއްގައެވެ.