ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނެތް ޑޭޓާބޭސްއެއްގެ ސަބަބުން، އިންޓަނެޓު ބޭނުންކުރާ 149 މިލިއަން މީހުންގެ ޔޫޒަރނޭމް އާއި ޕާސްވޯޑް އާންމުވެ ލީކުވެއްޖެއެވެ.

ސައިބަރ ސެކިއުރިޓީ ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި މައުލޫމާތުތައް ފެނިފައިވަނީ އިންޓަނެޓުގައި އެއްވެސް ޕާސްވޯޑަކާ ނުލައި، ކޮންމެ މީހަކަށްވެސް ވަދެވޭ ގޮތަށް ހުޅުވިފައި ހުރި ކްލައުޑް ޑޭޓާބޭސްއަކުންނެވެ. މި ޑޭޓާބޭސްގައި ތަފާތު އެކި ވެބްސައިޓްތަކާއި އޮންލައިން ޚިދުމަތްތަކުގައި ބޭނުންކުރާ އީމެއިލް އެޑްރެސްތަކާއި އެއާ ގުޅޭ ޕާސްވޯޑްތައް ހިމެނެއެވެ.

މިއީ އިންޓަނެޓު ބޭނުންކުރާ ފަރާތްތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މާހިރުން ދެކެއެވެ. 

އެއް ޕާސްވޯޑެއް ތަކުރާރުކުރުން: ގިނަ މީހުންނަކީ ފަސޭހައަކަށްޓަކައި، އެކި ސައިޓްތަކަށް (މިސާލަކަށް ސޯޝަލް މީޑިއާ، އީމެއިލް އަދި ބޭންކިންގ އަށް) ވަނުމަށް އެއް ޕާސްވޯޑެއް ބޭނުންކުރާ ބަޔަކަށް ވާތީއެވެ.


ކްރެޑެންޝަލް ސްޓަފިން: ހެކަރުން މި ލީކުވި މައުލޫމާތު ބޭނުންކޮށްގެން، އޮޓޮމެޓިކް ސޮފްޓްވެއާ މެދުވެރިކޮށް އެހެން މަޝްހޫރު ވެބްސައިޓްތަކަށް (ނެޓްފްލިކްސް، ފޭސްބުކް ފަދަ ތަންތަނަށް) ވަނުމަށް މަސައްކަތް ކުރެއެވެ. މިއަށް ކިޔަނީ "ކްރެޑެންޝަލް ސްޓަފިން" އެވެ.


މި ހާދިސާއާ ގުޅިގެން ސެކިއުރިޓީ މާހިރުން ވަނީ އާންމުންނަށް މުހިންމު އިލްތިމާސްތަކެއް ކޮށްފައެވެ:

ވީހާވެސް އަވަހަކަށް މުހިންމު އެކައުންޓްތަކުގެ ޕާސްވޯޑް ބަދަލުކުރުން.

ހުރިހާ އެކައުންޓަކަށް އެއް ޕާސްވޯޑެއް ބޭނުން ނުކުރުން.

"ހޭވް އައި ބީން ޕޯންޑް"  ފަދަ ވެބްސައިޓްތައް މެދުވެރިކޮށް، ތިމާގެ އީމެއިލް ލީކުވެފައިވޭތޯ ޗެކްކުރުން.

ރައްކާތެރިކަން އިތުރުކުރުމަށް ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުން.

މި ޑޭޓާބޭސް އިންޓަނެޓަށް ހުޅުވިފައި ހުރީ ކޮން ބައެއްގެ އިހުމާލުންކަން އަދި ސާފުވެފައެއް ނުވެއެވެ.