ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ އުމުރު ކަށަވަރުކުރުމަށް ޓިކްޓޮކުން ގެންގުޅެން ފެށި އައު ސްޓްރެޓެޖީގެ ސަބަބުން، ޔޫޒަރުންނަށް ފާރަލުމާއި ޖާސޫސްކުރުން އިތުރުވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ތަޖުރިބާކާރުން ފާޅުކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން އިންޓަނެޓުން ރައްކާތެރިކުރުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ޓިކްޓޮކުން މަސައްކަތް ކުރަމުން ދަނީ އުމުރު ހަމަނުވާ ކުދިންގެ އެކައުންޓްތައް އެއްކޮށް މަނާކުރުމުގެ ބަދަލުގައި، އައު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އެކުދިން ދެނެގަތުމަށެވެ. މިއީ އޮޓޮމެޓިކުން އެކައުންޓްތައް ޑިލީޓްކުރުމަށްވުރެ ރަނގަޅު އަދި އިންސާފުވެރި ހައްލެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ނަމަވެސް، ޕްރައިވެސީ އަދި ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި މިއީ ނުރައްކާތެރި މިސްރާބެކެވެ. "ސަބަބަކީ، ޔޫޒަރެއްގެ އުޅުމާއި ހަރަކާތްތަކަށް ބަލައިގެން އޭނާގެ އުމުރު ލަފާކުރުމަށްޓަކައި، ޕްލެޓްފޯމްތަކުން އެމީހުން ކުރާ ހުރިހާ ކަމެއް ވަރަށް ގާތުން ބަލައި، ދިރާސާކުރަން ޖެހޭނެތީ،" އެވެ. މާނައަކީ ޔޫޒަރުން ބަލާ ވީޑިއޯތަކާއި، ކޮމެންޓްކުރާ ގޮތާއި، އެޕްގައި ހޭދަކުރާ ވަގުތު ފަދަ ޒާތީ މައުލޫމާތުތައް "ސަވައިލެންސް" ނުވަތަ ފާރަލުމުގެ ނިޒާމެއްގެ ތެރެއިން ބަލަހައްޓަން ޖެހުމެވެ.

އުމުރު ކަށަވަރުކުރުމުގެ މައްސަލައަކީ މިހާރު މުޅި ދުނިޔޭގައިވެސް ބޮޑު "ޓިޕިން ޕޮއިންޓަކަށް" ވެފައިވާ ކަމެކެވެ. ސަރުކާރުތަކުން ބޭނުންވަނީ ކުޑަކުދިންނަށް ނުރައްކާތެރި ކޮންޓެންޓް ނުފެންނާނެކަން ކަށަވަރު ކުރާށެވެ. ޓިކްޓޮކްގެ މި އާ އުސޫލަކީ މެދުމިނުގެ ހައްލެއް ކަމަށް ފެނުނު ނަމަވެސް، މީގެ ސަބަބުން އާންމު ޔޫޒަރުންގެ ޕްރައިވެސީ ގެއްލި، ކުންފުނިތަކުން މީހުންނަށް ފާރަލާ މިންވަރު އިތުރުވެދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.