މިއަދުގެ ދުނިޔޭގައި ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރުމަކީ އާންމު ކަމަކަށް ވީ ނަމަވެސް، މީގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ހަފުތާ ބަންދަކީ މަސައްކަތުގެ ބުރަކަމުން ދުރުވެ، ސިކުނޑިއަށް އަރާމު ދޭން ލިބޭ ފުރުސަތަކަށް ވާއިރު، މި ވަގުތު ފޯނާ ދުރުގައި ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ހާސްކަން ކުޑަވާނެ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
ފޯނާ ނުލައި ވަގުތު ހޭދަކުރުމުން އާއިލާ އާއި ރަހުމަތްތެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދެއެވެ. ގިނަ ފަހަރަށް ފޯނަށް ހުސްވެފައި ތިބުމުގެ ސަބަބުން ކައިރީގައި ތިބޭ މީހުންނަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ގޮތްވެއެވެ. ނަމަވެސް ހަފުތާ ބަންދުގައި ފޯނު އެއްފަރާތްކޮށްލުމުން، އެކަކު އަނެކަކާ ވާހަކަދައްކައި، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
މިކަމާ ގުޅޭގޮތުން "އިއްރެސިސްޓަބަލް" ފޮތް ލިޔެފައިވާ ދުނިޔޭގެ މަޝްހޫރު ސައިކޮލޮޖިސްޓް އެޑަމް އެލްޓަރ ބުނީ "ފޯނާއި ޓެކްނޮލޮޖީގެ ސަބަބުން އަހަރެމެންގެ ސިކުނޑިއަށް ލިބޭ ހުސް ވަގުތުކޮޅު ވަނީ ގެއްލިފައި" ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ހަފުތާ ބަންދުގައި ފޯނާ ދުރުގައި ވަގުތު ހޭދަކުރުމުން އުފެއްދުންތެރިކަން އިތުރުވެ، ނަފްސާނީ ގޮތުން އާ ހަކަތައެއް ލިބިގެންދެއެވެ.
އެޑަމް އެލްޓަރ ފާހަގަކުރި ގޮތުގައި، ސްކްރީންތަކަށް ބަލާ ވަގުތު ގިނަވުމަކީ ސްޓްރެސް ލެވެލް މަތިވެ، ނަފްސާނީ ގޮތުން ވަރުބަލިކަން އިހުސާސްވާ ކަމެކެވެ. އެހެންކަމުން ހަފުތާ ބަންދުގައި "ޑިޖިޓަލް ޑިޓޮކްސް" އެއް ހެދުމަކީ ނަފްސާނީ ބަލިތަކުން ދުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން، ޑިޖިޓަލް ވަސީލަތްތަކާ ދުރުވުމަކީ ރޭގަނޑު ނިދުމަށް ފަސޭހަވެ، ހަށިގަނޑުގެ ވަރުބަލިކަން ފިލައިދާނެ ކަމެކެވެ. ފޯނުން ބޭރުވާ ނޫ އަލީގެ ސަބަބުން ނިދަން އުނދަގޫވާކަން ފާހަގަކުރެވޭއިރު، ހަފުތާ ބަންދުގައި މިކަމުން ދުރުވުމުން އާ ހަފުތާއަކަށް ކުރިމަތިލާއިރު ހަށިގަނޑަށް އާ ދިރުމެއް ލިބިގެންދާނެއެވެ. އެހެންކަމުން ހަފުތާ ބަންދުގައި ފޯނު ބޭނުންކުރާ މިންވަރު މަދުކުރުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެ ކަމެކެވެ.
