މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގައި 47 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު، އެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފް ރިޓަޔާ ކުރައްވައިފިއެވެ.
މިކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް ވަނީ އޭނާއާ ބައްދަލުކުރައްވައި، ގައުމަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވާފައެވެ.
މިނިސްޓަރު ތޯރިގު، އަލީ ޝަރީފާ ބައްދަލުކުރައްވައި ވިދާޅުވީ، މޫސުމީ ދާއިރާއަށް އޭނާ ކޮށްދެއްވާފައިވަނީ އަގުނުކުރެވޭ ފަދަ މުހިންމު ހިދުމަތްތަކެއް ކަމަށެވެ. އަދި އުމުރުގެ ބޮޑު ބައެއް މި ދާއިރާއަށް ހުސްކޮށްލައްވައި، އިހުލާސްތެރިކަމާއެކު ދެމިހުންނެވި ކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ މޫސުން ގޯސްވާ ހާލަތްތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޫސުމީ މައުލޫމާތު ފޯރުކޮށްދިނުމުގައި އަލީ ޝަރީފް ވަނީ ނަމޫނާ ދައްކަވާފައެވެ. ވަކިވަކި ރަށްތަކަށް ކުރިމަތިވި މޫސުމީ ކާރިސާތަކުގައި، ވަރުބަލިކަމެއް ނެތި އޭނާ ކުރެއްވި މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި ބަލައިގަންނަ ކަންތައްތަކެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
މެޓް އޮފީހުގެ އެންމެ ތަޖުރިބާކާރު އެއް މުވައްޒަފުގެ ގޮތުގައި ހުންނަވައި، އަލަށް ދާއިރާއާ ގުޅުނު ޒުވާން މުވައްޒަފުން ތަމްރީނުކުރުމުގައި ވެސް އަލީ ޝަރީފް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އޭނާގެ މި ދިގު މުއްދަތުގެ ހިދުމަތަކީ ދިވެހި ސިވިލް ސާވިސްގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ނަމޫނާ ހިދުމަތެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
