ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ބައިވެރިވުމަށް ހޮވުނު ޒުވާނުން، ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ފުރައިފިއެވެ. މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މި ފަހަރުގެ ބެޗުގައި ދެ ޖިންސު ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކުން ދަރިވަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންނެވެ. މި ދަރިވަރުން ތަމްރީނު ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ތިން މަސް ދުވަހުގެ މުއްދަތަށެވެ.
ދިވެހި ވަތަނީ ހިދުމަތް ނުވަތަ ނޭޝަނަލް ސާވިސްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަގައިގެން ފެއްޓެވި ހާއްސަ ގައުމީ މަޝްރޫއެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިސްލާމްދީނަށް ލޯބިކުރާ، ގައުމިއްޔަތުގެ ރޫހު ހުރި އަދި ޒިންމާދާރު ދިވެހި ރައްޔިތުންތަކެއް ބިނާކުރުމެވެ. އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަހުލާގު ރަނގަޅު ޖީލެއް އުފެއްދުމަކީ ވެސް މިކަމުގެ ބޭނުމެކެވެ.
މި ތަމްރީނު ކާމިޔާބުކަމާއެކު ނިންމާ ދަރިވަރުންނަށް މުހިންމު ސެޓްފިކެޓްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސިވިލް އެޑިއުކޭޝަން އެންޑް ލީޑަޝިޕްގެ ސެޓްފިކެޓް 3 އާއި، އަލިފާން ނިއްވުމާއި ފުރަތަމަ އެހީގެ ދާއިރާއިން ވެސް ސެޓްފިކެޓް ލިބޭނެއެވެ. މީގެ އިތުރުން މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކޮށް ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު މި ޕްރޮގްރާމްގެ ތެރެއިން ދަސްވެގެންދާނެއެވެ.
