އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސަކު، ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އުމުރުން 86 އަހަރުގެ މުހައްމަދު ހަސަންއެވެ.

އޭނާ ނިޔާވީ މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ބަލި ހާލަތު ގޯސްވެގެން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. މުހައްމަދު ހަސަން އުމްރާއަށް ގޮސްފައިވަނީ ގިބްލަ އުމްރާ ގްރޫޕުގެ ހަވާލުގައި މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

މި ދުވަސްވަރަކީ ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރު ކަމަށްވުމުން، ގިނަ އަދަދެއްގެ ދިވެހިން އަންނަނީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި ހަރަކާތްތެރިވަމުންނެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ޗުއްޓީއާ ދިމާކޮށް 7،000 އަށް ވުރެ ގިނަ ދިވެހިން ސައުދީއަށް ގޮސްފައިވެއެވެ. މީގެ ކުރިން މިޑް ޓާމް ޗުއްޓީގައި ވެސް 3،000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ދިޔަކަން ފާހަގަކުރެވެއެވެ.

އުމްރާއިން އެނބުރި އަންނަ ދުވަސްވަރަކީ އާންމުކޮށް ރޯގާ އާއި އެހެނިހެން ބަލިތައް ފެތުރުން އިތުރުވާ ދުވަސްވަރަކަށް ވާތީ، ސިއްހީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.