ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ނ. ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ އެ ރަށުގެ ފަތުރުވެރިކަމަށާއި އާންމު ރައްޔިތުންގެ ދަތުރުފަތުރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ޚިދުމަތް ފެށުމަށްޓަކައި މިއަދު ވެލިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނެވެ. ރައީސް ޑރ. މުޢިއްޒު މިކަން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އޭރު އެމަނިކުފާނު ވިދާޅުވެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެލިދޫއަށް ސީޕްލޭން ޖައްސަން ފަށާނެ ކަމަށެވެ. މިއަދު މި ފެށުނު ޚިދުމަތާއެކު އެ ވައުދުފުޅު ވަނީ ފުރިހަމައަށް ފުއްދިގެން ގޮސްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި، މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ޚިދުމަތުގެ ސަބަބުން ވެލިދޫގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބި، ގެސްޓްހައުސް ވިޔަފާރި ފުޅާވުމަށް މަގުފަހިވެގެންދާނެއެވެ. އަދި ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ވެލިދޫއަކީ "މުޅި ރާއްޖެ ގުޅާލުމުގެ މަޝްރޫއު" ގެ ދަށުން ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރެވުނު، މީހުން ދިރިއުޅޭ ތިންވަނަ ރަށެވެ. މީގެ ކުރިން އާންމުކޮށް ސީޕްލޭން ޖައްސަމުން އައީ ހަމައެކަނި ރިސޯޓުތަކަށެވެ. ނަމަވެސް މި ބަދަލާއެކު އާންމު ރައްޔިތުންނަށް ވެސް ސީޕްލޭންގެ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު މިވަނީ ފަހިވެފައެވެ.