މިއީ އަހުމަދުގެ (އަސްލު ނަމެއް ނޫން) ވާހަކައެކެވެ. އުމުރުން 40 އަހަރު ވެފައިވާއިރު، އޭނާ މިއަދު ދިރިއުޅެމުން ދަނީ މާލޭގެ ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ކައިވެންޏެއް ކުރިއެވެ. ނަމަވެސް އެ ކައިވެނީގެ ގުޅުން ކެނޑި، ދެމަފިރިން ވަކިވެފައިވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، ދަރިންގެ ޚަރަދާއި ހަޟާނާތުގެ މައްސަލަތަކުގައި ތާށިވެ، ޝަރީއަތް ނިމޭނެ ދުވަހެއް ނޭނގެއެވެ. މިއީ މާލޭގައި އާންމު ހާލަތެކެވެ. ނަމަވެސް އަހުމަދުގެ ހަގީގީ ކަންބޮޑުވުމަކީ މިއެއް ނޫނެވެ. އޭނާގެ ކަންބޮޑުވުމަކީ، ސަރުކާރުން އިއުލާންކުރާ ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމަކަށް ކުރިމަތިލުމުގެ ހައްގު އޭނާއަށް ގެއްލިފައި އޮތް އޮތުމެވެ.

ސަބަބަކީ ކޮބައި ހެއްޔެވެ؟ އަހުމަދުގެ އަންހެނުންނަކީ (ވަރިނުވެ އޮތުމުން ގާނޫނީ ގޮތުން އަނބިމީހާ) މާލޭގެ ދަފްތަރުގައި ނުވަތަ ގޯތި ގެދޮރު ހުރި މީހަކަށް ވުމެވެ. އަންހެން މީހާގެ ނަން މަތީގައި، ނުވަތަ އޭނާގެ މައިންބަފައިންގެ ފަރާތުން ވާރުތަވެފައިވާ ބޯހިޔާވަހިކަމެއް ހުރުމެވެ. މިހާރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ނުވަތަ "އާއިލީ ބޯހިޔާވަހިކަން" ބައްޓަންކޮށްފައި އޮތީ "ދެމަފިރިން" އެއީ އެއް ޔުނިޓެއްގެ ގޮތުގައި ބަލައިގެންނެވެ. ނަތީޖާއެއްގެ ގޮތުން، ވަކިން ދިރިއުޅުނަސް، އަދި ކޯޓުގައި މައްސަލަ ހިނގަމުން ދިޔަޔަސް، އަނބިމީހާގެ ނަމުގައި ގޯއްޗެއް އޮތް ނަމަ، ފިރިމީހާއަކީ ބޯހިޔާވަހިކަން ލިބިފައިވާ މީހެއް ކަމުގައި "ޕޯޓަލް" އިން ނިންމައެވެ.

"ހިޔާވަހި" ޕޯޓަލް ނުވަތަ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅަން ވަންނައިރު، ސިސްޓަމުން އޮޓަމެޓިކުން ޗެކްކުރަނީ ކައިވެނީގެ ރަޖިސްޓްރީއެވެ. ކޯޓުން ވަރި ސާބިތުކޮށް ނުދޭހާ ހިނދަކު، އެމީހާ އޮންނާނީ "މެރީޑް" ސްޓޭޓަސްގައެވެ. ދެން ސިސްޓަމުން ބަލަނީ ދެމަފިރިންގެ މިލްކިއްޔާތެވެ. އަނބިމީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް އޮތް ނަމަ، ފިރިމީހާ ޝަރުތު ހަމައެއް ނުވެއެވެ. މިއީ އިންސާފެއް ހެއްޔެވެ؟ އަހުމަދުގެ ހާލަތުގައި، އޭނާއަށް އަނބިމީހާގެ ގެއަކަށް ނުވަދެވެއެވެ. އެތަނުން އޭނާއަށް ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ. ނަމަވެސް ދައުލަތުގެ ސިޔާސަތު އޮތީ އޭނާއަކީ "ގެދޮރުވެރިއެއް" ގެ ގޮތުގައި ބަލާށެވެ.

މި ސިޔާސަތު އެކުލަވާލުމުގެ މައިގަނޑު މަގުސަދު ރަނގަޅެވެ. އެއީ އެއް އާއިލާއަކަށް، ނުވަތަ އެއް ދެމަފިރިއަކަށް ގިނަ ގޯތިތަކެއް ޖަމާކުރުމުގެ ފުރުސަތު ނުދިނުމެވެ. ނަމަވެސް، މި އުސޫލު ތަންފީޒުކުރުމުގައި، ކައިވެނީގެ ގުޅުން ހީނަރުވެ، ވަކިވެފައިވާ ފަރާތްތަކުގެ ހާލަތަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. ޝަރުއީ ކޯޓުތަކުގައި ވަރީގެ މައްސަލަތައް ނިމުން ލަސްވުމަކީ އާންމު ކަމަކަށް ވާއިރު، އެ މުއްދަތުގެ ތެރޭގައި (ބައެއް ފަހަރު އަހަރުތަކެއް ވަންދެން) އެކަކު އަނެކަކުގެ ހައްގުތަކަށް ހުރަސްއެޅިފައި އޮތުމަކީ ބޮޑު ނިޒާމީ މައްސަލައެކެވެ.

މިކަމުގައި އޮތް އެންމެ ބޮޑު ހާޖާނަކީ، އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައި މުދާ މިލްކުކުރުމުގެ އުސޫލުތަކާ، ބޯހިޔާވަހިކަމުގެ ސިޔާސަތު ފުށުއެރުމެވެ. ޝަރީއަތުގައި އަނބިމީހާގެ މުދަލަކީ އޭނާގެ އަމިއްލަ އެއްޗެކެވެ. އެއީ ފިރިމީހާއަށް އޭގެ މައްޗަށް ބާރު ފޯރުވޭނެ އެއްޗެއް ނޫނެވެ. އަދި އަންހެން މީހާގެ ގޯއްޗެއް ހުއްޓަސް ފިރިމީހާއަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ވާޖިބެކެވެ. ނަމަވެސް ސަރުކާރުގެ ސްކީމްތަކުން މި އުސޫލު މުގުރާލަނީ، އަނބިމީހާގެ މުދަލަކީ ފިރިމީހާގެ ވެސް މުދާ ކަމުގައި ބަލައިގެން، އޭނާ ޑިސްކޮލިފައި ކޮށްލަމުންނެވެ.

މި ހާލަތުގައި ތިބޭ ފިރިހެނުން (ނުވަތަ ބައެއް ހާލަތްތަކުގައި އަންހެނުން) ވެއްޓެނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށެވެ. އެމީހުންނަކީ "ސިންގަލް" މީހުންނެއް ނޫނެވެ. އެހެންކަމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންބަފައިންނަށް ހާއްސަ ކެޓަގަރީތަކަކަށް ނުލެވޭނެއެވެ. އަނެއްކޮޅުން "އާއިލީ" ކެޓަގަރީން ކުރިމަތިލާއިރު، ބައިވެރިޔާގެ މުދަލުގެ ސަބަބުން ޝަރުތު ހަމައެއް ނުވެއެވެ. ނަތީޖާއަކަށް ވަނީ، ބޯހިޔާވަހިކަމުގެ ރޭހުން އެއްކޮށް ބާކީވުމެވެ.

މިފަދަ އުސޫލުތަކުގެ ސަބަބުން އިޖުތިމާއީ އިތުރު މައްސަލަތައް ވެސް ނުކުމެއެވެ. ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ބޭނުމުގައި، ނުވަތަ އެ ފުރުސަތު ގެއްލިދާނެތީ، ބައެއް މީހުން އަވަސް އަރުވާލައިގެން ވަރިވާން މަޖުބޫރުވެއެވެ. އަނެއް ބަޔަކު، ކިތަންމެ ބޮޑު ހަމަނުޖެހުމެއް އޮތް ކައިވެންޏެއް ނަމަވެސް، ވަކިވެއްޖެނަމަ ނުވަތަ ކޯޓަށް ގޮސްފިނަމަ ލިބެން އޮތް ފްލެޓް ގެއްލިދާނެތީ، "ނަމެއްގައި" ކައިވެނި ދަމަހައްޓައެވެ. މިއީ ދުޅަހެޔޮ އާއިލީ ވެއްޓެއް ބިނާކުރުމަށް އެޅޭ ހުރަހެކެވެ.

މި މައްސަލައަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ؟ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން "ވަރިވުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ" ފަރާތްތަކަށް ޚާއްސަ އިސްތިސްނާ ހާލަތެއް ދޭންޖެހެއެވެ. ވަރި ސާބިތުނުވިޔަސް، ދެމަފިރިން ވަކިން ދިރިއުޅޭކަން ސާބިތުވާނަމަ، އަދި ކޯޓުގައި މައްސަލަ ހިނގަމުންދާނަމަ، އެމީހަކީ ވަކި ފަރުދެއްގެ ގޮތުގައި ބަލައި، ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ދޭންޖެހެއެވެ. ފްލެޓް ނުވަތަ ގޯތި ހަވާލުކުރާއިރު، ޝަރުއީ ކޯޓުން ވަކިގޮތެއް ނިމިފައި އޮތުން ޝަރުތެއްގެ ގޮތުގައި ހިމެނިދާނެއެވެ. އެކަމަކު ފޯމުލާ ހިސާބުން ބާކީކޮށްލުމަކީ އިންސާފެއް ނޫނެވެ.

"އާއިލީ ބޯހިޔާވަހިކަން" މި ޝިއާރަކީ ރީތި ނަމެކެވެ. އެހެނަސް އޭގެ ހަގީގީ މާނައިގައި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނީ، ރޫޅިފައިވާ އާއިލާތަކާއި، ވަކިވަމުންދާ އާއިލާތަކުގެ ތެރޭގައި ތާށިވެފައި ތިބި މީހުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދީގެންނެވެ. ކޯޓުގައި ފައިލްތައް ފުނިޖެހިފައި ހުއްޓާ، ސްކީމްތައް ހުޅުވާލައި ބަންދުކުރާއިރު، އެތައް ބަޔަކު ރޮމުން އާދޭސްކުރަނީ "ތިމަންނަގެ ހައްގު ކޮބައިހެއްޔޭ" ބުނެއެވެ.

އަހުމަދުމެން ފަދަ އެތައް ބަޔަކު މިއަދު ތިބީ މި މިޅީގައި ޖެހި، ގޮތް ހުސްވެފައެވެ. ސަރުކާރުގެ އަމާޒަކީ އެންމެންނަށް ބޯހިޔާވަހިކަން ކަމުގައި ވާނަމަ، ކައިވެނީގެ ސެޓްފިކެޓުގައި އޮންނަ ލިޔުމަކަށްވުރެ ބޮޑަށް، އެމީހާގެ ދިރިއުޅުމުގެ ޙަގީގީ ހާލަތަށް ބަލައިގެން އުސޫލުތައް އިސްލާހުކުރަން ޖެހެއެވެ. އެހެން ނޫންނަމަ، "މުޅި ރާއްޖެއަށް އިންގިލާބީ ހައްލެއް" ގެންނައިރުވެސް، މި ދެންނެވި ފަށަލައިގައި ތިބި މީހުން ތިބެންޖެހޭނީ މަގުމަތީގައެވެ.