ފަސޭހައިން ހާސިލުކުރެވޭ ކަންކަމަކީ ގިނަ ދުވަހަށް ދެމިހުންނާނެ ކަންކަން ނޫން ކަމަށާއި، ހަގީގީ އުފަލާއި ކާމިޔާބީއަކީ ފަސޭހައިން ލިބޭނެ އެއްޗެއް ނޫން ކަމަށް، މަޝްހޫރު ޕްރޮފެސަރު ޙަސަން އުގެައިލް ވިދާޅުވެއްޖެއެވެ.
އުގެއިލް މިހެން ވިދާޅުވީ، ކުއްލިއަކަށް މުއްސަނދިކަން ލިބި، އެކަމުގެ އަގު ވަޒަން ނުކުރެވި އަތުން ބީވެގެންދިޔަ މީހެއްގެ މިސާލު ނަންގަވައި ލިޔުއްވި ލިޔުއްވުމެއްގައެވެ. އުގެއިލްގެ ލިޔުއްވުމުގައި އަލިއަޅުވާލައްވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ މައިކަލް ކެރޮލްގެ ހަޔާތަށެވެ. ކުނި އުކާ މީހެއްގެ ގޮތުގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ މައިކަލްއަށް 2002 ވަނަ އަހަރު ނަސީބު ނަންބަރަކުން 14 މިލިއަން ޑޮލަރު ލިބުނެވެ.
ނަމަވެސް، އެއްވެސް ބުރަ މަސައްކަތަކާ ނުލައި ލިބުނު އެ ފައިސާތައް، ޕާޓީކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގައި ހޭދަކޮށްލުމުގެ ނަތީޖާއަކަށްވީ، 2012 ވަނަ އަހަރު އައިއިރު އޭނާ އަނެއްކާވެސް ފަގީރު ހާލަތަށް ވެއްޓުމެވެ. އަދި ސަރުކާރުގެ އެހީއަށް އެދެން ޖެހި، އާހިރުގައި އޭނާއަށް ޖެހުނީ ބިސްކޯދު ފެކްޓަރީއެއްގެ އާދައިގެ ވަޒީފާއަކަށް ދާށެވެ.
މި ހާދިސާއިން އިބުރަތް ނަންގަވައި އުގެއިލް ފާހަގަކުރެއްވި ގޮތުގައި، ބުރަ މަސައްކަތަކާ ނުލައި ހޯދާ ފައިސާއާއި، އުނދަގޫތައް ތަހައްމަލު ނުކޮށް ލިބިގަންނަ އުފާތަކުގައި މާބޮޑު "އޮއްޓަރެއް" ނުހުންނާނެއެވެ. އަދި ކުއްލިއަކަށް ލިބޭ ކާމިޔާބީގެ އަގު ވަޒަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުގެއިލް އިތުރަށް ވިދާޅުވީ، ކާމިޔާބީގެ ފޮނިމީރުކަން އެންމެ ފުރިހަމައަށް ލިބޭނީ ދަތި އުނދަގޫތައް ގިރާކޮށް، ބުރަ މަސައްކަތުން އެކަން ހާސިލުކުރުމުން ކަމަށެވެ. އެހެންކަމުން ކަމެއް ހާސިލުކުރުމަށް ނިޔަތްގަނެ، އެކަމެއް ވުމަށް އެދި ދެމިހުރުމަށާއި، ފަސޭހައިން ލިބޭ ކަންކަން ދެމިނުހުންނާނެކަން ގަބޫލުކުރުމަށް އުގެއިލް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
