ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށާއި ތަރައްގީގެ ސްޕީޑް ބާރުކުރުމަށްޓަކައި، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ޕީއެންސީން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ފަޅީގައި އޮވެގެން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. އެހެންކަމުން ސިޔާސީ ގޮތުން އުފައްދާ ހިޔާލު ތަފާތުވުންތަކާއި، "ސިޔާސީ ސަކަރާތް" ޖަހައިގެން ރައްޔިތުންނާއި ސަރުކާރާ ދެމެދަށް ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުސަތު ނުދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދެއެވެ. މި ދަނޑިވަޅުގައި ކައުންސިލްތަކަށް ހޮވަންވާނީ އެ މަސައްކަތްތަކުގައި ހިފައި، ސަރުކާރަށް ހިތްވަރުދީ މަގުފަހިކޮށްދޭނެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ. ތަރައްގީއަށް ހުރަސްއަޅައި، އެކި ބަހަނާތައް ދައްކައި، މުޖުތަމައުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ބަޔަކަށް ޖާގަ ދީގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ގާއިމުވެފައިވާ ހަމަޖެހުން ދަމަހައްޓައި، ތަރައްގީ މަޑުޖެހުނަ ނުދިނުމަށްޓަކައި ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް ގޮވާލެއްވިއެވެ. މިގޮތުން ސަރުކާރުގެ ފަރާތުން ކުރިމަތިލާފައިވާ 1300 އަށްވުރެ ގިނަ ކެންޑިޑޭޓުން ހެޔޮހިތުން ބަލައިގަނެ ހޮއްވަވައިދެއްވުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
