ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސްތައް މާލެ ސަރަހައްދުގެ އެކި ހިސާބުތަކުން ދޫކުރަން ފަށައިފި އެވެ. މި ހަދިޔާ ދޫކުރުމުގެ އިންތިޒާމުތައް މާލެ ސަރަހައްދުގެ 15 ތަނެއްގައި ވަނީ ހަމަޖައްސާފައެވެ.
މިރޭ މި މަސައްކަތް ފަށާފައިވާއިރު، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މިރޭ 8:00 އާ ހަމައަށް ފަސް ހާހާ ގާތްކުރާ އަދަދަކަށް ގޭބިސީތަކުން މަސްދަޅު ހޯދުމަށް ނަންބަރު ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިކަމަށްޓަކައި ހާއްސަ ކައުންޓަރުތައް ގާއިމުކޮށް، ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތް ވަނީ އިންތިޒާމުކޮށްފައެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 8 ސަރަހައްދަކާއި، ހުޅުމާލޭގެ 6 ސަރަހައްދެއްގެ އިތުރުން ވިލިމާލޭގެ އެއް ސަރަހައްދުންނެވެ. މާލޭގައި ނަމަ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯ މިލް، ހެންވޭރު ބޯޅަ ދަނޑު އަދި ގަލޮޅު ދަނޑުގެ ހަތަރު ސަރަހައްދަކުން މަސްދަޅު ލިބޭނެއެވެ. ހުޅުމާލޭގައި އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރު، މުހައްމަދު ގާސިމް ޕްރީ ސްކޫލް، ކާމިލް ދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި ވިނަރެސް ފްލެޓުން ދޫކުރާއިރު، ވިލިމާލޭގައި ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން ފެށިގެން 11:00 އަށެވެ.
