ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން މިއަހަރުގެ ފެބްރުއަރީ އިންޓޭކަށް މުޅިން އާ ހަ ކޯހަކާއެކު، ޖުމްލަ 125 ކޯހަކުން 4000 އެއްހާ ޖާގަ ހުޅުވާލައިފިއެވެ. މިކަން ހާމަކުރެއްވީ އެ ޔުނިވަސިޓީގެ ރަޖިސްޓްރާ މުހައްމަދު ޒާމިރު އެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ޒާމިރު ވިދާޅުވީ، މި ފަހަރުގެ އިންޓޭކްގައި ޔުނިވަސިޓީގެ 12 ފެކަލްޓީއަކުން އެކި ފެންވަރުގެ ކޯސްތައް ހިމަނާފައިވާނެ ކަމަށެވެ. ގައުމީ ތަރައްގީއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ހުނަރުވެރި މީހުން ބިނާކުރުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަހަރު މުޅިން އަލަށް ހަ ކޯހެއް ފަށަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް ތައާރަފުކުރާ ކޯސްތަކުގެ ތެރޭގައި ލޭންގުއޭޖް ފޯ ހޮސްޕިޓާލިޓީ، އިންޖިނިއަރިން ދާއިރާގެ މާސްޓާ ލެވެލް ކޯހެއްގެ އިތުރުން ކާބޯތަކެތީގެ ދާއިރާއިން ފުޑް ސައިންސް އަދި ފުޑް ސޭފްޓީ އެންޑް ކޮލިޓީ އެޝިއުރަންސް ކޯސް ހިމެނެއެވެ. މީގެ އިތުރުން ބެޗްލާ އޮފް ސައިކޮލޮޖީގެ އޮނާސް ކޯހާއި މާސްޓާ އޮފް ރިސާޗް އޮފް ޕަބްލިކް ހެލްތު ކޯސް ވެސް ހިމެނޭކަމަށް ރަޖިސްޓްރާ ވިދާޅުވިއެވެ. އަދި ކުރިން އޮތް ޕަބްލިކް ހެލްތު ކޯސް ވެސް އަލުން ފަރުމާކޮށް ހުޅުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯސްތައް ފަރުމާކުރުމުގައި ވީހާވެސް ގިނަ ދަރިވަރުންނަށް ފަސޭހައިން ބައިވެރިވެވޭނެ ގޮތްތައް ބަލާފައިވާނެކަމަށް ޒާމިރު ވިދާޅުވިއެވެ. މިގޮތުން ނަރުހުންގެ ކޯސް ކުލާހަށް ހާޒިރުވުމުގެ ބަދަލުގައި ވަޒީފާގައި ތިބެގެން ކިޔެވޭނެ ގޮތަށް ހަމަޖައްސައި، އެމްއެންޔޫގެ ހަތަރު ކެމްޕަހެއްގައި އެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ކުރިއަށް އޮތް ފެބްރުއަރީ އިންޓޭކަށް ވަނުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މާލެއާއި އަތޮޅުތެރޭގެ ކެމްޕަސްތަކުން ޖާގަ ހުޅުވާލާފައިވާއިރު، އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ މީހުން ކޯސްތަކަށް ކުރިމަތިލަމުން އަންނަކަން ޔުނިވަސިޓީން ފާހަގަކުރެއެވެ.