ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވި މުޙައްމަދު ޙަސަން ކުރި މި ދަތުރަކީ އޭނާގެ އެންމެ ފަހު ދަތުރުކަމަށް ބުނި ކަމަށް ދަތުރުގައި ބައިވެރިވި މީހަކު ބުނެފިއެވެ. 

މުޙައްމަދު ޙަސަން ނިޔާވީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މައްކާގެ އައް-ނޫރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. އަދި އޭނާއާއެކު މި ދަތުރުގައި ބައިވެރިވި އިބްރާހީމް ރަފޫ 'ފޭސްބުކް'ގައި ކުރި ޕޯސްޓެއްގައި ބުނީ، މުޙައްމަދު ޙަސަން ވަނީ ވަރަށް ހިތްވަރާއެކު ދެ އުމްރާ ފުރިހަމަކޮށްފައި ކަމަށެވެ. 

މައްކާގައި ތިބި އާއިލާގެ މީހުންނާ ހަވާލާދީ ރަފޫ ބުނި ގޮތުގައި، "ބޭބެގެ އެ ދަތުރަކީ ފަހަރުގައި ހަޔާތުގައި ކުރާ އެންމެ ފަހު ދަތުރަށް ވެގެން ގޮސްދާނެ" ކަމަށް މުޙައްމަދު ޙަސަން ބުނެފައިވެއެވެ. އަދި މި ދަތުރުގައި އޭނާއާއެކު ބައިވެރިވި ދަރިފުޅު ޝުޖާ، ބައްޕައާއެކު ދަތުރުމަތީގައި ދެއްކީ ތައުރީފް ހައްގު ހިތްވަރެއްކަންވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

މުޙައްމަދު ޙަސަނާ ގުޅޭގޮތުން އިބްރާހީމް ޝަމީމް ނަމަކަށް ކިޔާ މީހަކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ ބައްޕައާ ދެބެއިންގެ ދެދަރި މީހަކަށްވާ މުޙައްމަދު ޙަސަނަކީ ވަރަށް ހެޔޮލަފާ، އާއިލީ ގުޅުން ބަދަހި މީހެއް ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް މިސްކިތުން ފެންނަ، މީހުންގެ ހާލުބަލާ އުޅުނު ގާތް އަވަށްޓެރިއެއް ކަމަށާއި، އޭނާގެ ބައްޕައާ ގާތް ރަހުމަތްތެރިކަމެއްވެސް އޮތް ކަމަށް ޝަމީމް ބުނެފައިވެއެވެ.

"މުޙައްމަދުބޭ އަބަދު މިސްކިތުން ފެންނާނެ، [މިސްކިތުން] ބައްޕަ ނުފެންނަ ނަމަ، [ގެއަށް] އައިސް ހާލުވެސް ބަލާނެ، ބައްޕައަކީ ވަރަށް ހެޔޮ ތިމާގެ މީހެއް އަދި ގާތް އަވަށްޓެރިއެއްވެސްމެ، ހަމައެކަނި ބައްޕައަކާ އެކަންޏެއް ނޫން، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނަށްވެސް ވަރަށް ހެޔޮ،" އިބްރާހީމް ޝަމީމްގެ ޕޯސްޓުގައިވެއެވެ.

މިމަހުގެ ކުރީކޮޅުވެސް އުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް ވައިކަރަދުއަށް ނިސްބަތްވާ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިބްރާހީމް ރަޝީދު ވަނީ ނިޔާވެފައެވެ.

ޙައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށްދާ މީހުން، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުން ނިޔާވުމުގެ ހިތާމަވެރި ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެއެވެ.